ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ހޮސްޕިޓަލެއްގެ މެޓާނިޓީ ވޯޑެއްގައި ބުދަ ދުވަހު އަލިފާން ރޯވެ 14 ކުޑަކުދިން މަރުވެއްޖެ ކަމަށް އިސްލާމްއާބާދު ޑިސްޓްރިކްޓް އޮފީހުން ބުނެފި އެވެ.

ޑިސްޓްރިކްޓް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (ޕީއައިއެމްއެސް) ގެ މައިންނާއި ކުޑަކުދިންގެ ސިއްހީ ފަރުވާއަށް ހާއްސަ ވޯޑުގެ ތިންވަނަ ފްލޯގައި ކަމަށެވެ.

"މި ހާދިސާގައި ޖުމްލަ 14 ކުޑަކުދިން ވަނީ މަރުވެފައި،" އެ ކުދިންގެ އުމުރު ހާމަނުކޮށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، އަލިފާން ރޯވާން ދިމާވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ކުއްޖެއްގެ ބައްޕަ ހިތާމާގައި ރޮނީ. -- ފޮޓޯ: އޭއެފްޕީ
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ކުއްޖެއްގެ ބައްޕަ ހިތާމާގައި ރޮނީ. -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދުގެ ޗީފް ކޮމިޝަނަރު ސުހައިލް އަޝްރަފް އެކްސްގައި ވިދާޅުވީ، ރެސްކިއު ޓީމުތަކާއި، ހާއްސަ އެހީތެރިންނާއި، ފުލުހުން އެ ސަރަހައްދަށް ގޮސް އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން އިމަޖެންސީ ކޯލް ލިބިފައިވަނީ ހެނދުނު 7:00 ހާއިރު އެވެ.

ޕާކިސްތާނުގައި ރައްކާތެރިކަމުގެ ގަވާއިދުތަކާއި އިމާރާތްކުރުމުގެ ކޯޑުތަކުގެ ދޯހަޅިކަމާއި، އެ ގަވާއިދުތައް ތަންފީޒު ނުކުރެވޭ މައްސަލަ ބޮޑުވެ އިމާރާތްތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ހިންގުން ވަނީ އާންމުވެފަ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ވެސް ކަރާޗީގެ ޝޮޕިން ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 65 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 2023 ވަނަ އަހަރު ކަރާޗީގެ އެހެން ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން 11 މީހުން މަރުވި އެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރު އެ ސިޓީގެ ފެކްޓަރީއެއްގައި ރޯވެ 16 މީހަކު މަރުވެފައިވެ އެވެ.