ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ބާވަތްތަކުގެ އަގުތައް ސްރީލަންކާގައި މީގެ 38 މަސް ކުރިން ހުރި ވަރަށް އުފުލިއްޖެ އެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްއިން ހޯމަ ދުވަހު ދުވަހު ބުނީ އިންފްލޭޝަން 8 ޕަސެންޓަށް އުފުލިފައިވާ ކަމަށާއި މިއީ 38 މަސްދުވަހުގެ ކުރިން ހުރި ވަރު ކަމަށެވެ.
މިދިޔަ މަހު އިންފްލޭޝަން ހުރީ 7.3 ޕަސެންޓުގަ އެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އިންފްލޭޝަން ހުރީ 1.2 ޕަސެންޓުގަ އެވެ.
"މި މަހުގެ އިންފްލޭޝަން މަތިވުމުގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރާއި، ބޯހިޔާވަހިކަމުގެ ހަރަދުތަކާއި، ފެނާއި، ކަރަންޓާއި، ގޭހާއި އަދި ހަކަތައިގެ އެހެނިހެން ބާވަތްތަކުގެ އަގުތަކުގެ އިންޑެކްސް މައްޗަށް ދިއުން،" އެ ޑިޕާޓްމަންޓުން ބުންޏެވެ.
އިމްޕޯޓަށް ބަރޯސާވާ ސްރީ ލަންކާއިން ވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާ އެކު ތެލުގެ އަގު ގާތްގަނޑަކަށް ދެ ގުނައަށް ބޮޑުކޮށްފަ އެވެ.
ލަންކާގައި މިދިޔަ އަހަރުގެ ޖުލައި މަހު އިންފްލޭޝަން ހުރީ ނެގަޓިވް 0.3 ޕަސެންޓް ނުވަތަ ޑިފްލޭޝަންގައި ކަމަށްވާއިރު، އެއަށްފަހު ތަކެތީގެ އަގުތައް ދަނީ ހުއްޓުމެއްނެތި މައްޗަށް އުފުލެމުންނެވެ.
ކާބޯތަކެއްޗާއި އަސާސީ ތަކެތި އެތެރެކުރުމަށް ބޭރު ފައިސާ ހުސްވެ، 2022 ވަނަ އަހަރު މުޅި އިގްތިސާދު އިނދަޖެހުމަށްފަހު އަލުން ހިންދެމިލަން ކުރާ މަސައްކަތަށް ވަނީ މެދުއިރުމަތީގެ ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ގައުމުން ވަނީ އިންޒާރުދީފަ އެވެ.
މާޗް 2023 ގައި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓްޕެކޭޖެއް ދިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަށް ސަރުކާރުން ވަނީ، ހަކަތައިގެ އަގުތައް އެއްވަރެއްގައި މަތިކޮށް ހުރުމަކީ، އެ ގައުމަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަހެއް ކަމަށް އަންގައިފަ އެވެ. އައިއެމްއެފްގެ އިސްލާހީ ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ މާލިއްޔާއަށް ބާރުބޮޑުވާ ސަބްސިޑީތައް ކުޑަކޮށް، ތެލާއި ކަރަންޓުގެ އަގުތަކަކީ ހަރަދު ދެކޮޅުޖެހޭ އަގުތަކެއްކަން ސްރީ ލަންކާއިން ކަށަވަރުކުރަންޖެހެ އެވެ.
އެ ގައުމުން ވަނީ 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި (ޑީފޯލްޓްވިކަން) އިއުލާންކޮށްފަ އެވެ. އޭގެ ފަހުން ލަންކާއިން އަންނަނީ އިގްތިސާދު ހަމައަކަށް އަޅުވައި ވަރުގަދަކުރުމަށްޓަކައި އައިއެމްއެފްގެ ބެއިލްއައުޓް ލޯނުގެ ފައިސާ ބޭނުންކުރަމުންނެވެ. -- އޭއެފްޕީ