ސްރީލަންކަން އަށް އެއާބަސް ކުންފުނިން މަތިންދާބޯޓު ގަތުމަށް 2013 ވަނަ އަހަރު ހެދި ޑީލްގައި 800،000 ޑޮލަރުގެ ރިޝްވަރު ނެގި ކަމުގެ ތުމަތުގައި، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ މިއަދު ހައްޔަރުކޮށްފި އެވެ.
ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް އަސަންގަ ބޮޑަރަގަމަ ވަނީ އުމުރުން 40 އަހަރުގެ ނަމާލް ތަހުގީގުގެ ބޭނުމަށް ދެ ހަފްތާއަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައިފަ އެވެ.
ނަމާލް މިއަދު ކޯޓަށް ހާޒިރުކުރީ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިންނެވެ. އެ އިދާރާއިން އޭނާ ހައްޔަރުކުރީ 2.3 ބިލިއަން ޑޮލަރުގެ އެއާބަސް މުއާމަލާތާ ގުޅިގެން ސުވާލުކުރުމަށްފަހުގަ އެވެ. ސީއައިއޭބީއޯސީއިން ކޯޓުގައި ބުނީ، ނަމާލް ސީދާ ގޮތުން 800،000 ޑޮލަރު ހޯދާފައިވާ ކަމަށާއި، މިއީ އެ އެއްބަސްވުން ކާމިޔާބުކުރުމަށްޓަކައި ޔޫރަޕުގެ އެއާބަސް ކުންފުނިން ލަންކާގެ ސިޔާސީ ބޭފުޅުންނާއި ވެރިންނަށް ދިން ކަމަށް ބުނާ ރިޝްވަތުގެ ފައިސާގެ ބައެއް ކަމަށެވެ.
ކޯޓަށް މައުލޫމާތު ދެމުން އެ ކޮމިޝަނުން ބުނީ، ނަމާލް މި ފައިސާ ފޮނުވާފައިވަނީ ސިންގަޕޫރުގެ ދެ ބޭންކު އެކައުންޓެއް މެދުވެރިކޮށް، ލަންކާގެ ވިޔަފާރިވެރިއެއް މެދުވެރިވެގެން ކަމަށެވެ. ނަމާލްގެ ވަކީލު ނިޝާންތަ ދަޔާނަންދަ ވަނީ ކަފާލާތުގެ ދަށުން ނަމާލް ދޫކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ގަބޫލުނުކޮށްފަ އެވެ.
ލަންކާގެ ވެރިކަން ބަދަލުވެ 2016 ވަނަ އަހަރު އައި ސަރުކާރުން އުވާލި އެއާބަސް ޑީލްގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ވެސް ރިޝްވަތު ލިބުނު ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ސީއައިއޭބީއޯސީއިން ވަނީ މިދިޔަ މޭ މަހު އޭނާއާ ވެސް ސުވާލުކޮށްފަ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ހިންގާ މި ތަހުގީގު އަމާޒުވެފައިވަނީ، މަތިންދާބޯޓު ގަތުމުގެ މުއާމަލާތުގެ ތެރެއިން ޔޫރަޕުގެ ކުންފުނިން ލަންކާ ސަރުކާރުގެ އިސް ވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ފައިސާ ފޮނުވި ކަމަށް ކުރެވޭ ތުހުމަތުތަކަށެވެ.
ރާޖަޕަކްސާ އާއިލާއިން ވަނީ ރިޝްވަތު ނެގި ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް، އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެކްޒެކެޓިވް ކަޕިލާ ޗަންދުރަސޭނާ މާޗް މަހު ތަހުގީގަށް ބުނެފައިވާ ގޮތުގައި އޭނާ ވަނީ މަހިންދަ ރާޖަޕަކްސާ އަށް ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރު ހަވާލުކޮށްފަ އެވެ.
ޗަންދުރަސޭނާ އަލުން ޖަލަށް ގެންދަން ގާތްވެފައި ވަނިކޮށް، މެއި މަހުގެ ތެރޭގައި އޭނާ ވަނީ ތިމާގެ މީހެއްގެ ގޭގައި މަރުވެފައިވަނިކޮށް ފެނިފަ އެވެ. އޭނާ މަރުވި ސަބަބު ހޯދިފައެއް ނުވެ އެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ ކަމާބޭހޭ އިދާރާތަކުން ގުޅިގެން ހިންގި ތަހުގީގަކުން މީގެ ކުރިން ހާމަވެފައިވާ ގޮތުގައި، އެއާބަސް ކުންފުނިން ވަނީ ލަންކާގައި ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ. އަދި މި މައްސަލަ ފަޅާއެރުމުގެ ކުރިން އޭގެ ތެރެއިން 1.7 މިލިއަން ޑޮލަރު ވަނީ ޗަންދުރަސޭނާއަށް ފޮނުވައިފަ އެވެ. މި ފައިސާގެ މުއާމަލާތްތައް ގުޅިފައިވަނީ 2005 އިން 2015 އަށް ރާޖަޕަކްސާގެ ރައީސްކަމުގެ ދައުރުގައި ކެބިނެޓުގެ ހުއްދަ ބޭނުންވި 10 އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ އެވެ.
ކޯޓަށް ހުށަހެޅި މައުލޫމާތަށް ބަލާއިރު، ތަހުގީގީ އިދާރާތަކަށް ޗަންދުރަސޭނާ އެންމެ ފުރަތަމަ ބުނެފައިވަނީ، 2013 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ރާޖަޕަކްސާއަށް 60 މިލިއަން ރުޕީސް (އެ ދުވަސްވަރުގެ ނިސްބަތުން 461،000 ޑޮލަރު) ދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ބަޔާން އަނބުރާ ގެންގޮސް، އެއީ މަޖުބޫރުވެގެން ދިން ބަޔާނެއް ކަމަށް ބުނެފަ އެވެ. ސްރީލަންކަން އެއާލައިންސަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުންވެ، ދަރަނިވެރިވެފައި ވާއިރު އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ތަކުރާރުކޮށް ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. -- އޭއެފްޕީ