ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހޯދި އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ އެ ގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީން މިއަދު ހައްޔަރުކޮށްފި އެވެ.
މިއީ އެ ގައުމުގައި ކުރިން ނުފޫޒުގަދަކޮށް އުޅުނު ރާޖަޕަކްސަ އާއިލާއަށް ލިބުނު ބޮޑު ސިހުމަކަށް ވަނީ ވެފަ އެވެ.
ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ ސަރުކާރުން ވަނީ، ސްރީލަންކާގެ ސިޔާސީ މައިދާން ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން ކޮންޓްރޯލްކުރި ރާޖަޕަކްސަ އާއިލާގެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ހުއްޓިފައި ވަނިކޮށް އަލުން ފަށައިފަ އެވެ.
ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން، އުމުރުން 73 އަހަރުގެ ޝިރާންތީ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުގައި ބަހައްޓަން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިން ގާތްގަނޑަކަށް ހަތް ގަޑިއިރު ވަންދެން ސުވާލުކުރުމަށްފަހުގަ އެވެ.
"މެޖިސްޓްރޭޓް އަމުރުކުރެއްވީ އޮކްޓޯބަރު 13 އާ ހަމައަށް އޭނާ ބަންދުގައި ބަހައްޓައި، ލޮލުގެ އާލާސްކަންފުޅެއް ހުރުމުގެ ސަބަބުން ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް،" ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާޖަޕަކްސަގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ރޯހިތަ ބޮގޮއްލާގަމަ ވެސް ކޮރަޕްޝަންގެ ތުހުމަތުގައި މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އިންވެސްޓްމަންޓް ޕްރޮމޯޝަން މިނިސްޓަރަކަށް 2006 ވަނަ އަހަރު ހުންނެވިިއިރު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގެ ޝަރީއަތް ނިމެންދެން، އުމުރުން 72 އަހަރުގެ ބޮގޮއްލާގަމަ ބަންދުގައި ބަހައްޓަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކުރީ، ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލެއް ހިމެނޭ ގޮތަށް އެކި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ފައިސާ އެއްކުރި އޭނާގެ "ސިރިލިޔާ ސަވިޔާ ފައުންޑޭޝަން" ގެ ތަހުގީގަކަށް ފަހުގަ އެވެ. އޭނާގެ ގާނޫނީ ވަކީލު މަނޯޖް ގަމަގެ ނޫސްވެރިންނަށް ވިދާޅުވީ، ޝިރާންތީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާ ކަމަށާއި، ހެޔޮއެދޭ ފަރާތްތަކުން ދިން އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ކުރާ ދައުވާތަކުން ކޯޓުގައި ދިފާއުވެވަޑައިގަންނަވާނެ ކަމަށެވެ.
ސީއައިއޭބީއޯސީން ވަނީ ދައުލަތުގެ ބޭންކެއް ކަމަށްވާ ނޭޝަނަލް ސޭވިންގްސް ބޭންކުގެ އޭރުގެ ޗެއާމަން ޕްރަދީޕް ކަރިޔަވަސަމް އެ ފައުންޑޭޝަނަށް 10 މިލިއަން ރުޕީސް (30،000 ޑޮލަރު) ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.
ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކުރީ ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް މިދިޔަ މަހުގެ 16 ގައި ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތުމާ އެކުގަ އެވެ. އަދި ޗެރިޓީއާ ގުޅޭ ގޮތުން ފުލުހުންނަށް ބަޔާނެއް ދިނުމަށް ކޮލަމްބޯ އެއާޕޯޓުން އޭނާއަށް ވަނީ ޗިޓު ހަވާލުކޮށްފަ އެވެ. އޭނާ ހައްޔަރުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތީ ހޯމަ ދުވަހު އެވެ. ނަމަވެސް މި މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މި މަހުގެ 12 އަށެވެ.
ފުލުހުން ބުނީ، ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލަކަށް ސްކޭނަރެއް ހޯދުމަށް ޝިރާންތީގެ ޗެރިޓީން އެއްކުރި އެހީގެ ފައިސާއާ ގުޅޭގޮތުން އޭނާއާ ސުވާލުކުރަން ބޭނުންވާ ކަމަށެވެ. ތަހުގީގުކުރާ ފަރާތްތަކުން ކޯޓުގައި ބުނީ، އެ ސްކޭނަރަކީ ޗައިނާ ސަރުކާރުން މީގެ ކުރިން ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް، އެ ފައުންޑޭޝަނުން ދިޔައީ އެކަމަށް ފައިސާ ހޯދައި، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ޝިރާންތީ ރާޖަޕަކްސަ ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށާއި ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ އާއިލާގެ އިތުރު މެންބަރުންނަށް ވެސް ވަނީ ގާނޫނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ކުރީގެ ފަސްޓް ލޭޑީގެ ދޮށީ ފިރިހެން ދަރިކަލުން، އިދިކޮޅު މަޖިލިސް މެންބަރު ނާމާލް ރާޖަޕަކްސަ ވެސް ހުންނެވީ، އޭނާގެ ބައްޕަގެ ވެރިކަމުގައި 2013 ވަނަ އަހަރު އެއާބަސް މަތިންދާބޯޓުތަކެއް ގަތުމުގެ އެއްބަސްވުމަކާ ގުޅިގެން ކުރެވޭ ތުހުމަތުތަކުގައި ހައްޔަރުކޮށްފަ އެވެ.
ރާޖަޕަކްސަ އާއިލާއިން އަބަދުވެސް ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ މައްސަލަތަކެއް ކަމަށް ބުނެ އެވެ. މަހިންދަ ރާޖަޕަކްސަ 2005 އިން 2015 އަށް ރައީސްކަން ކުރެއްވިިއިރު، 2022 ވަނަ އަހަރު އާންމުންގެ ބޮޑެތި މުޒާހަރާތަކާއެކު އޭނާގެ ބޭބެ ގޮތަބަޔާ ރާޖަޕަކްސަ ރައީސްކަމުން ވަކިކުރި ފަހުން އާއިލާގެ ނުފޫޒު ކުޑަވި ނަމަވެސް، މަހިންދައަކީ އަދިވެސް ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެކެވެ. -- އޭއެފްޕީ