ސްރީ ލަންކާގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލަމުން ދާއިރު އެ ހުރިހާ ކަމެއް ރަނގަޅަށް ބަލައިފި ނަމަ ސަލާމަތްވާނެ މީހަކު މަދުވާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަށް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ. 

ބުލަތުސިންހަލާގައި މިއަދު ބޭއްވި އާންމު އެއްވުމެއްގައި ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ފުންމިން ސަރުކާރަށް އެނގުނީ ވެރިކަމަށް އައިސް، ދައުލަތުގެ ކަންކަން އެތެރެއިން ބަލައި ދިރާސާކުރުމުން ކަމަށެވެ.

"އަޅުގަނޑުމެން ބޭރުގައި ތިބިއިރު ވާހަކަދެއްކީ ކޮރަޕްޝަނާ ބެހޭގޮތުން. ނަމަވެސް އެތެރެއަށް ވަދެ، އަޅުގަނޑުމެންގެ ގައުމަށް ހަދާފައިވާ ގޮތް ބަލައި، މިއިން ކޮންމެ ކަމެއްގެ އޮޅުންފިލުވަމުންދާއިރު، ގައުމަށް އިންތިހާއަށް ގެއްލުން ހުރި ކަންތައްތަކެއް ކޮށްފައިވާކަން ފެންނަން އެބަހުރި،" ކޮރަޕްޝަންގެ މައްސަލަތަކުގައި ކުރީ ސަރުކާރުގެ އެތައް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް ޑިސެނަޔަކަ ވިދާޅުވި އެވެ.

"ރަނގަޅަށް ބަލައިފި ނަމަ، މީގެ ތެރެއިން އެކަކުވެސް ސަލާމަތްނުވާ މިންވަރަށް ކަންކަން ގޮސްފައިވޭ،" ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި "ކަޅު ދައުލަތް" ނުވަތަ ފަސާދައިގެ ނިޒާމުން ފައިދާ ހޯދި ފަރާތްތައް ތިބީ އިންތިހާއަށް ކަންބޮޑުވެފަ އެވެ.  ވާދަވެރިން ފާޑުކިޔަސް ގާނޫނު އަސާސީ އާއި ގާނޫނީ އިސްލާހުތައް ކުރިއަށްގެންދަވާނެ ކަމަށާއި ސަރުކާރުގެ އިސްލާހީ މަސައްކަތްތަކާ ދެކޮޅު ހަދާ ފަރާތްތަކުން ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ގޮސް، ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ސިޓީތައް ފޮނުވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އެމީހުން ކަންބޮޑުވާންޖެހޭނެ. ނަމަވެސް ހަނދާންކުރައްވާ، އަޅުގަނޑުމެންގެ ނިންމުންތަކަކީ ވަރަށް ރަނގަޅަށް ވިސްނައި، ރައްޔިތުންގެ ހައްގުގައި ނިންމާ ނިންމުންތަކެއް. އަޅުގަނޑުމެން އެފަދަ އެއްވެސް ނިންމުމެއް އަނބުރާ ނުގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ 22 ވަނަ އިސްލާހަށް އިޝާރާތް ކުރައްވައި ޑިސެނަޔަކަ ވިދާޅުވީ، ސުޕްރީމް ކޯޓުން އެކަމުގައި ނިންމުމެއް ނިންމެވިހާ އަވަހަކަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

"ކޯޓުގެ ނިންމުން ފާސްވުމާ އެކު، އަޅުގަނޑުމެން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ފާސްކުރާނަން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އިންސާފު ލިބުން ލަސްވުމާ މެދު ރައީސް ފާޑުވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ބައެއް މައްސަލަތަކުގައި ހުކުމް އަންނަނީ ހާދިސާ ހިނގިފަހުން އެތައް ދުވަހެއް ފަހުން ކަމަށްވުމުން، އެއީ ކޮން މައްސަލައެއްކަން ވެސް އާންމުންގެ ހަނދާނުން ފޮހެވިގެން ގޮސްފައިވާ ކަމަށެވެ.