އަންނަ އަހަރު ބޭރުގެ ލޯނުގެ ގޮތުގައި 2.08 ބިލިއަން ޑޮލަރު ހޯދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އަލުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންވީތޯ ބެލުމަށް ދިރާސާކުރަމުން އަންނަ ކަމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ ވިދާޅުވެއްޖެ އެވެ.

އެ ގައުމުގެ 2027 ވަނަ އަހަރުގެ ބަޖެޓް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަމުން ރައީސް ޑިސަނާޔަކެ ބުރާސްފަތި ދުވަހު ވިދާޅުވީ، އިގްތިސާދީ ބޮޑު ކާރިސާއަކާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ކުރިއަށްގެންދާ ހަތަރު އަހަރުގެ ބެއިލްއައުޓް ޕްރޮގްރާމް އަންނަ މާޗް މަހު ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އޭގެ ފަހުން އައިއެމްއެފްގެ އާ ޕްރޮގްރާމަކަށް ދާނީތޯ ނުވަތަ ނޫންތޯ ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދައި ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިއެމްއެފްގެ 17 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ޑިސަނާޔަކެ ވިދާޅުވި އެވެ.

ބޭރުގެ ދަރަނީގެ ގޮތުގައި 46 ބިލިއަން ޑޮލަރު ނުދެއްކި ސްރީ ލަންކާ ބަނގުރޫޓުވުމާ ގުޅިގެން، 2.9 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމެއް އައިއެމްއެފުން ހަމަޖައްސައިދިނީ 2023 ވަނަ އަހަރުގެ މާޗް މަހު އެވެ.

ރައީސް ޑިސަނާޔަކެ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށް 2.98 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މިއީ މި އަހަރު ދަރަނި ދެއްކުމަށް ހަރަދުވި 3.59 ބިލިއަން ޑޮލަރާއި މިދިޔަ އަހަރު ހަރަދުވި 3.70 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އަދި ދަރަނި ދެއްކުމަށް ބޭނުންވާ އިގްތިސާދީ ހަމަޖެހުން މިހާރު ގައުމުގައި އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ މުހިންމު ކަންކަން:

  • ބަޖެޓް ޑެފިސިޓް: އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޖީޑީޕީގެ 4.5 ޕަސެންޓުގަ އެވެ. މިއީ މި އަހަރުގެ 3.7 ޕަސެންޓާއި މިދިޔަ އަހަރުގެ 2.3 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.
  • ދައުލަތުގެ އާމްދަނީ: މި އަހަރު ޖީޑީޕީގެ 16.6 ޕަސެންޓުގައި އާމްދަނީ ހުރި ނަމަވެސް، އަންނަ އަހަރު އާމްދަނީ 15.8 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
  • އާމްދަނީން ނަގާ ޓެކްސް: މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ލުއި ދިނުމުގެ ގޮތުން ޓެކްސް ނަގަން ފަށާ އަދަދު މަތިކޮށް ޓެކްސް ރޭޓްތަކަށް ވަނީ ކުޑަ ބަދަލެއް ގެނެސްފަ އެވެ. ނަމަވެސް އެންމެ މަތިން ޓެކްސް ނަގާ ރޭޓް ވަނީ 36 ޕަސެންޓުގައި ހިފަހައްޓައިފަ އެވެ.

ރައީސް ޑިސަނާޔަކެ ވިދާޅުވީ 2025 ވަނަ އަހަރު ސްރީ ލަންކާގެ އިގްތިސާދު ކުރިއެރި 5.0 ޕަސެންޓުގެ ދުވެލި، އަންނަ އަހަރު ވެސް ހިފެހެއްޓުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލަންކާގެ އިގްތިސާދީ ކުރިއެރުން 4.2 ޕަސެންޓަށް މަޑުޖެހުނު ނަމަވެސް، 2022 ވަނަ އަހަރުގެ 7.3 ޕަސެންޓުގެ ވެއްޓުމަށް ފަހު ވިދިވިދިގެން 11 ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދު ވަނީ ކުރިއަރައިފަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމާ ގުޅިގެން މި އަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން 3.1 ޕަސެންޓަށް ދަށްވާނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފަ އެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ނުތަނަވަސްކަމާއި، ދުނިޔޭގެ ވިޔަފާރީގެ ސިޔާސަތުތަކުގެ އިތުރުން އެލް ނީނޯގެ އަސަރުތަކުގެ ސަބަބުން އިގްތިސާދަށް އަދިވެސް ނުރައްކާތައް އެބަހުރި ކަމަށް އައިއެމްއެފުން ވަނީ އިންޒާރުދީފަ އެވެ. -- އޭއެފްޕީ