ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި ސްރީ ލަންކާ ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ގައުމުގެ "ކަޅު އިގްތިސާދުން" ގާނޫނުތަކާއި ގަވާއިދާ ހިލާފަށް ޑޮލަރު ބޭރުކުރުން އެއްކޮށްހެން ހުއްޓުވިފައި ކަމަށް ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަށް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާންމު އެއްވުމެއްގައި ރައީސް ވިދާޅުވި ގޮތުގައި، ސްރީ ލަންކާއިން ގާނޫނާ ހިލާފަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ވަނީ ބޭރުކޮށްފަ އެވެ. އަދި އެއީ އެ ގައުމުން ސައިފަތް އެކްސްޕޯޓްކޮށްގެން އަހަރެއްގެމައްޗަށް ލިބޭ އާމްދަނީއާ ދާދި އެއްވަރުގެ އަދަދެއްކަން  ފާހަގަކުރެއްވި އެވެ.

"ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ގާނޫނާ ހިލާފަށް ބޭރުކުރި. އެއީ އަޅުގަނޑުމެން އެކްސްޕޯޓްކުރާ ހުރިހާ ސައިފަތުން އަހަރަކު ލިބޭ އާމްދަނީއާ ދާދި އެއްވަރުގެ އަދަދެއް،" ޑިސެނަޔަކަ ވިދާޅުވި އެވެ.

އެ ނިޒާމުގެ ފައިދާ ނެގި ފަރާތްތަކުން ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ކަންބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނުރަސްމީ މަގުތަކުން ޑޮލަރު ބޭރުވުން ހުއްޓުވުމަށްޓަކައި ސީއައިޑީ އާއި ކަސްޓަމްސްއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއިމީގެ ކުރިން ދައުލަތުގެ އާމްދަނީ ހަޒާނާއަށް ވަނުމުގެ ކުރިން އެހެން ދިމަދިމާލަށް ބަދަލުކުރާ ކަމަަށް ވެސް ރައީސް ތުހުމަތުކުރެއްވި އެވެ. އަދި ހަޒާނާއަށް ލިބޭ ފައިސާގެ ބައެއް ވެސް ނާޖާއިޒް ގޮތުގައި ބޭނުންކރަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަނީ އެ ހުރިހާ މަގުތަކެއް ބަންދުކޮށް، ހަޒާނާއަށް ލިބެންޖެހޭ ކޮންމެ ފައިސާފޮއްޗެއް ވެސް ހަޒާނާއަށް ލިބޭކަން ކަށަވަރުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ޑިސެނަޔަކަ ވިދާޅުވީ 2025 ވަނަ އަހަރު ސަރުކާރުގެ އާމްދަނީ ޖީޑީޕީގެ 16.7 ޕަސެންޓަށް އަރާފައިވާ ކަމަށާއި، މިއީ ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އާމްދަނީ އެންމެ މަތިން ލިބުނު ފަހަރު ކަމަށެވެ. މިއީ ދައުލަތުގެ އާމްދަނީ ނުރަސްމީ އަދި ފަސާދައިގެ އިގްތިސާދުގެ ތެރެއަށް ގެއްލިގެންދިޔުން ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސްރީ ލަންކާއިން 1957 ވަނަ އަހަރަށްފަހު އެންމެ ކުޑަ ބަޖެޓު ޑެފިސިޓް (ދަރަނި) ރެކޯޑްކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މި ނަތީޖާ ހާސިލުކުރީ އާމްދަނީ އިތުރުކުރުމާ އެކު، ހަރަދުތައް ކަންކުރުމުގައި ބޮޑު ކޮންޓްރޯލެއް ގެންގުޅެގެންނެވެ.

ރައީސް ވަނީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ދިރާސާތަކެއް ނުކޮށް ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގާފައިވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އަދި އެކަށީގެންވާ ދިރާސާއެއް ނެތި މަޝްރޫއުތައް ހިންގުމުން ދައުލަތުގެ ފައިސާ އިސްރާފުވެގެންދާކަމުގެ މިސާލެއްގެ ގޮތުން ބަނދަރުތަކާއި އެއާޕޯޓުތައް ފާހަގަކުރެއްވި އެވެ.

ޑިސެނަޔަކަ ވިދާޅުވީ، އަންނަ އަހަރު ތަރައްގީގެ ހަރަދުތަކުގެ (ކެޕިޓަލް އެކްސްޕެންޑިޗާ) ގޮތުގައި ދެ ޓްރިލިއަން ރުޕީސް ކަނޑައެޅުމަށް ސަރުކާރުން ރާވަމުން އަންނަ ކަމަށާއި، މިއީ ތަރައްގީއަށް ކުރެވޭ ހަރަދުގެ ނިސްބަތުން މިހާތަނަށް އެންމެ ބޮޑު އަދަދު ކަމަށެވެ. އަދި ކޮންމެ ޑިސްޓްރިކްޓަކަށް ދެ ބިލިއަން ރުޕީސްގެ ބަޖެޓު ރިޒާވެއް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް ވެސް އިއުލާނު ކުރެއްވި އެވެ. 

ރައީސް މި ވާހަކަ ދެއްކެވި އިރު ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ފޭކް ޓީޓީ ހަދައިގެން ލަންކާއިން ބޭރަށް ބިލިއަނެއްހާ ޑޮލަރު ފޮނުވި މައްސަލައެއްގައި ބޭންކުތަކުން ހަތަރ މީހަކު  ހިމެނޭހެން ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.