ސްރީ ލަންކާއާ އެކު ހެދި ޕްރިލިމިނަރީ އެއްބަސްވުމެއްގެ ދަށުން، އެ ގައުމަށް އެހީވުމަށް ކަނޑައަޅާފައިވާ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމުން ގާތްގަނޑަކަށް 345 މިލިއަން ޑޮލަރު ދޫކުރުމުގެ ފުރުސަތު މިހާރު ފަހިކޮށްދީފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯމަ ދުވަހު ބުނެފި އެވެ.

އައިއެމްއެފުން ވަނީ ހަކަތައިގެ އަގުތައް އުފުލުމާއި، 'އެލް ނީއޯ' މޫސުމީ ބަދަލުތަކުގެ އަސަރާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީ ލަންކާގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މި އެއްބަސްވުމަކީ 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި، ގައުމު ބަނގުރޫޓުވުމާ ގުޅިގެން ސްރީ ލަންކާއަށް މިހާތަނަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ކާރިސާއާއިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. 

ލަންކާއަށް ހަތަރު އަހަރުގެ މި ބެއިލްއައުޓް ޕެކޭޖް ހަމަޖައްސައިދިނީ 2023 ވަނަ އަހަރު އެވެ.

"ޖެހިޖެހިގެން އައި އެކި ލޮޅުންތަކާ އެކު ވެސް ސްރީ ލަންކާގެ އިގްތިސާދުން ދައްކުވައިދިނީ ހައިރާންކުރުވަނިވި ސާބިތުކަމެއް،" އައިއެމްއެފުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވެއެވެ.

އެ އިދާރާއިން ވަނީ، 2022 ވަނަ އަހަރު އިގްތިސާދު 7.3 ޕަސެންޓަށް ދަށަށް ދިއުމަށްފަހު، ޖެހިޖެހިގެން 11 ކުއާޓަރުގައި އިގްތިސާދު ކުރިއަރާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމަ ދެމިގެންދާނެ މުއްދަތާއި އޭގެ ނުރައްކާތެރިކަމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ސިޔާސަތުތަކާއި އެލް ނީނޯގެ ސަބަބުން ގައުމުގެ އިގްތިސާދަށް އަދިވެސް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއެމްއެފުން ބުންޏެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ޑީސަލް ސަބްސިޑީގެ ގޮތުގައި 126 މިލިއަން ޑޮލަރު އަލުން ދިނުމަށް ލަންކާ ސަރުކާރުން ނިންމި ނިންމުމަށް އައިއެމްއެފުން ވަނީ ފާޑުކިޔައިފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި، ތެލުގެ އަގުތައް ކަނޑައަޅަންވާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ބަލައިގެންނެވެ. އަދި ސަބްސިޑީގެ އެހީތެރިކަން ދޭންވާނީ މާލީ ގޮތުން އެންމެ ނިކަމެތި އާއިލާތަކަށް ކަމަށް ބުންޏެވެ. އަދި ހަކަތައިގެ އަގުތައް މަތިވުމުގެ ސަބަބުން އިންފްލޭޝަން ދެ ވަނަ ފަހަރަށް އިތުރުވެއްޖެ ނަމަ، މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް، އިންޓްރެސްޓް ރޭޓް މަތިކުރުމަށް ސެންޓްރަލް ބޭންކުން ތައްޔާރަށް ތިބުމަށް ވެސް އައިއެމްއެފުން ލަފާދީފައިވެ އެވެ.