ހިންދޫ ދީނީ ޖަމާއަތެއްގެ ބަޔަކު ފްރާންސްގެ އައިފުލް ޓަވަރަށް ދިޔަ ވަގުތު އަންހެން މުވައްޒަފުން އެ ވަފުދުގެ މީހުންނަށް ނުފެންނަ ގޮތަށް ތިބެން އެންގި މައްސަލާގައި ކުރި އިހުތިޖާޖެއްގައި، މުވައްޒަފުންނާއި މެނޭޖްމަންޓުން ހޯމަ ދުވަހު އެ ޓަވަރު ބަންދުކޮށްފި އެވެ.

މި ދަތުރު އޮތީ 'ބޯޗާސަންވާސީ އަކްޝަރް ޕުރުޝޯއްތަމް ސުވާމީނާރާޔަން ސަންސްތާ' (ބީއޭޕީއެސް) ނަމަކަށް ކިޔާ ދީނީ ހަރަކާތަކުން، ފްރާންސުގެ އުތުރުގައި އޮންނަ ސެން ކޯރުގައި ސަގާފީ ހަރަކާތެއްގެ ގޮތުގައި އޮޑި ދުއްވި އިވެންޓެއް ވެސް ބޭއްވި ދުވަހު އެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ހިންދޫ ވަތަނީ ޕާޓީއާ ގާތް ގުޅުމެއް އޮންނަ ޖަމާއަތަކެވެ.ެ އެ މީހުން އާދީއްތަ ދުވަހު ވަނީ ފްރާންސްގެ ޕެރިސް ކައިރީގައި އެ ޖަމާއަތުގެ ފުރަތަމަ ބޮޑު ފައްޅި ހުޅުވައިފަ އެވެ.

އައިފުލް ޓަވަރުގެ މުވައްޒަފުން ނެރުނު ބަޔާނެއްގައި ބުނީ އެ ވަފުދަށް މަރުހަބާ ކިއުމުގެ ތެރޭގައި "ޖިންސަށް ބަލައި، އަންހެން މުވައްޒަފުން އެކަހެރިކޮށް، އަންހެނުންގެ ބަދަލުގައި ފިރިހެނުން ގެނެސް، އެ މީހުން ފޮރުވާފައި ބައިތިއްބަން ކުރި އަމުރުތައް" އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އައިފުލް ޓަވަރުގެ އަންހެން މުވައްޒަފުންނާއި ކޮންޓްރެކްޓަރުންގެ އަންހެން މުވައްޒަފުން، މި ވަފުދަށް މަރުހަބާ ކިއުމަށްޓަކައި ނުފެންނަ ހިސާބަށް ދާން އަންގާފައިވޭ،" މުވައްޒަފުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ އެ މީހުން ވަރަށް ބޮޑަށް ހައިރާންވި ކަމަށް ވެސް ބުނެފައިވެ އެވެ.

"ބައެއް މުވައްޒަފުންގެ ކިބައިން އެދިފައިވަނީ އެ މީހުން ތިބޭތަން ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވުމަށް. ބައެއް ތަންތަނަށް އަންހެނުންގެ ބަދަލުގައި ފިރިހެނުން ހަމަޖެއްސި. އަދި އެ ވަފުދު ތިބި ވަގުތު އެއްވެސް އަންހެން މުވައްޒަފަކު ވަކި ސަރަހައްދުތަކުން ހުރަސްކޮށް ނުދިއުމަށް އަންގާފައިވޭ."

ޕެރިހުގެ މި މަޝްހޫރު ބިނާ ހިންގާ ކުންފުނި (އެސްއީޓީއީ) އިން ވަނީ ހިންދޫ ވަފުފުން "އަންހެނުންނާ މުއާމަލާތްކުރުން މަދުކުރުމަށް" އެދިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި "މިފަދަ ޝަރުތުތަކެއް ގަބޫލުކުރެވިގެން ނުވާނެ" ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޝަރުތުތަކަކީ "އެސްއީޓީއީގެ އުސޫލުތަކާއި އަދި ފިރިހެނުންނާއި އަންހެނުންގެ ހަމަހަމަކަމުގެ އުސޫލުތަކާ މުޅިން ހިލާފު" ކަންތައްތަކެއް ކަމަށް ބުނެ، ކުންފުނިން ވަނީ މިކަމާ ގުޅިގެން ނުކުންނާނެ "ނަތީޖާތަކާ ކުރިމަތިލާނެ" ކަމަށް ވައުދުވެފަ އެވެ.

"މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އެސްއީޓީއީގެ ރައީސް އަދި ޕެރިހުގެ ސޯޝަލިސްޓް އިންތިހާބީ މެންބަރެއް ކަމަށްވާ އާރިއެލް ވީލް އޭއެފްޕީއަށް ވިދާޅުވި އެވެ.

"ގައުމުގެ އުސޫލުތަކަށާއި، ފިރިހެނުންނާއި އަންހެނުންގެ ހަމަހަމަކަމަށް އައިފުލް ޓަވަރުން ދޭ އިސްކަން އަލުން ތަކުރާރުކޮށް ކަށަވަރުކޮށްދެން،" ފްރާންސްގެ ވެރިރަށުގެ ސޯޝަލިސްޓް މޭޔަރު އެމަނުއެލް ގްރެގުއާ އެކްސްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިންދޫ ވަފުދުގެ ޝަރުތުތަކަށް ޓަވަރުގެ މެނޭޖްމަންޓުން އެއްބަސްވުމަކީ "ގަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށާއި، މިކަމާ ގުޅިގެން ތަހުގީގެއް ހިންގާނެ ކަމަށެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އަހަރަކު ގާތްގަނޑަކަށް 7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާ އައިފުލް ޓަވަރު ހޯމަ ދުވަހު އެއްކޮށް ބަންދުކުރި ނަމަވެސް، އަންގާރަ ދުވަހު އާންމުކޮށް ހުޅުވާނެ ކަމަށް މުވައްޒަފުންގެ މަންދޫބަކު ބުނެފައިވެ އެވެ.

"ފްރާންސްގައި، އަންހެނުން 'ގެއްލޭކަށް' ނާންގާނެ. އެއްވެސް ފިކުރެއް، އެއްވެސް ދީނެއް ގައުމުގެ ގާނޫނުތަކަށްވުރެ މައްޗެއް ނުވާނެ،" ފްރާންސްގެ އިކުއަލިޓީ މިނިސްޓަރު އޯރޯރާ ބޭރްޖޭ އެކްސްގައި ނުރުހުން ފާޅުކުރައްވާފައިވެ އެވެ.

ކަނާތު ފިޔައިގެ ރިޔާސީ ކެންޑިޑޭޓް މެރީން ލެ ޕެން ވެސް ވަނީ މި ހާދިސާއަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ފްރާންސްގައި "އަންހެނުންގެ ހާޒިރުކަން ކުޑަކުރުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބަށް ވާދަކުރައްވާ މެދުމިނު ފިކުރުގެ ކެންޑިޑޭޓް ގެބްރިއެލް އަޓާލް ވިދާޅުވީ "ފްރާންސްގައި، އެއްވެސް ސަގާފަތަކަށް، އެއްވެސް ފިކުރަކަށް، އެއްވެސް ދީނަކަށް، އަދި އެއްވެސް މީހަކަށް އަންހެނުން ތިބެންޖެހޭ ތަނަކީ ކޮބައިކަން ނޭންގޭނެ" ކަމަށެވެ. -- އޭއެފްޕީ