އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިޒްރޭލުން އަންގައި، އެ ތަނަށް ކަނޑައަޅާފައިވާ ޑިޕްލޮމޭޓުންގެ އެކްރެޑިޓޭޝަން 30 ދުވަހުގެ ތެރޭގައި ބާތިލުވާނެކަން އިނގިރޭސި ކޮންސިއުލޭޓަށް އަންގާފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލަކާއި މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފި އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި، އިޒްރޭލުގައި ހަރަކާތްތެރިވާ، އެމެރިކާއިން އިސްނަގައިގެން ހިންގާ ޣައްޒާ ކޯޑިނޭޝަން މިޝަންގައި ހިމެނޭ އިނގިރޭސި މަންދޫބުންނާއި، ރާމަﷲގައި ތިބޭ އިނގިރޭސި ޑިޕްލޮމޭޓުން ހަތް ދުވަހުގެ ތެރޭގައި އިޒްރޭލުން ފައިބަންޖެހޭނެ އެވެ.
ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރަން އިޒްރޭލުން އަންގާރަ ދުވަހު އެންގީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާ ގުޅިގެން އިނގިރޭސިވިލާތުން އިސްނަގައިގެން ހުޅަނގުގެ ގައުމުތަކުން އަޅަން ފެށި ފިޔަވަޅުތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
އިނގިރޭސިވިލާތާއި ފްރާންސާއި ކެނެޑާއާ ގުޅިގެން، އަންގާރަ ދުވަހު ވަނީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ގާއިމުކޮށްފައިވާ ޣައިރު ގާނޫނީ ވަޒަންވެރިންގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.
އިނގިރޭސި ފޮރިން މިނިސްޓަރު އެޑް މިލިބަންޑް އިއްޔެ ވިދާޅުވި ގޮތުގައި "އެއީ ބޭއިންސާފޭ" ބުނެލައިގެން އެކަނި އިނގިރޭސިވިލާތަށް ދެން ތިބެވޭކަށް ނެތެވެ. މިހާރު ޖެހޭނީ ޔަހޫދީ ވަޒަންވެރިންގެ އާބާދީތައް ފުޅާކުރުމާ ދެކޮޅަށް "އަމަލީ ގޮތުން ފިޔަވަޅު އަޅަން" ކަމަށް ހައުސް އޮފް ކޮމަންސްގައި އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ދެކޮޅުހަދާ، އެކަމަކު އިނގިރޭސިވިލާތުން ޒަމާނުއްސުރެ ތާއީދުކުރަމުން އަންނަ ދެ ދައުލަތުގެ ހައްލަށް އޮތް ފުރުސަތަަށް އިތުރު ހުރަސްތައް ކުރިމަތިވަމުންދާއިރު، "މިއަދު އަހަރެމެން ބަލަން ތިބުން ގަބޫލެއް ނުކުރެވޭ" ކަމަށް މިލިބަންޑް ވިދާޅުވި އެވެ.