ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ކުއްލި، ވަރުގަދަ ހަމަލާތަކުގެ 10 ދުވަސް ކުރިން ޔޫއޭއީން އެ މައުލޫމާތު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދިން ކަމަށާއި އެ މައުލޫމާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައި ތިބީ ކަމަށް ބުނެ 'ހާރެޒް' ނޫހުން ޝާއިއުކުރި ރިޕޯޓާ ގުޅިގެން އެ ނޫހަށް ދައުވާކުރަން ނަތަންޔާހޫ ނިންމައިފި އެވެ. 

ސޯޝަލް މީޑިއާ އެކްސްގައި ނަތަންޔާހޫ ބުނީ އެ ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް "ދޮގު" އަދި "ހަދައިގެން އުޅޭ" ވާހަކައެއް ކަމަށް ބުނެފަ އެވެ. އަދި ހާރެޒް ނޫހާއި، އެ ރިޕޯޓު ލިޔުނު ނޫސްވެރިން ކަމަށްވާ ޝްލޯމީ އެލްދާރާއި ރޫތު ޔަވާލްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އޭނާގެ ވަކީލުންނަށް އަންގަވާފައިވާ ކަމަށް ބުންޏެވެ އެވެ.

ހާރެޒްގެ ރިޕޯޓުގައިވާ ގޮތުން؛

  • އޮކްޓޫބަރު 7 ގެ ހަމަލާގެ 10 ދުވަސް ކުރިން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާން (އެމްބީޒެޑް) ވަނީ ހަމާސްއިން ދޭން އުޅޭ ހަމަލާއަކާ މެދު ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައިފަ އެވެ.
  • އޭރު ހަމާސްގެ ލީޑަރަކަށް ހުންނެވި ޔަހްޔާ ސިންވާރު "ބޮޑު ސަޕްރައިޒެއް" ދޭން ތައްޔާރުވަމުންދާ ކަމަށާއި، އިޒްރޭލުން "ބިންހެލުމަކަށް" ތައްޔާރުވުމަށް އެދި މެދުވެރިއަކު ލައްވައި ޔޫއޭއީއަށް މެސެޖު ފޮނުވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
  • އެމްބީޒެޑް ވަނީ އިޒްރޭލުގެ އިންޓާނަލް ސެކިއުރިޓީ އޭޖެންސީ (ޝިން ބެއިތު) އަށާއި ނަތަންޔާހޫއަށް ސީދާ ފޯނުން ގުޅައި މި މައުލޫމާތު ހިއްސާކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން އެކަމަށް ސަމާލުކަން ދީފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ނަތަންޔާހޫ ވަނީ އެފަދަ ފޯން ކޯލެއް ނުލިބޭ ކަމަށް ބުނެފަ އެވެ. އޭނާގެ އޮފީހުން ބުނި ގޮތުގައި ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން އެ ދުވަސްވަރުގެ ކޯލް ލޮގްތައް ބެލިއިރު އެފަދަ ކޯލެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އަދި މިއީ އަންނަ އޮކްޓޫބަރު މަހު އޮންނަ އާންމު އިންތިހާބާ ދިމާކޮށް އިދިކޮޅު ވާތުފިޔައިން ސިޔާސީ ބޭނުމަކު ފަތުރާ ދޮގު މައުލޫމާތެއް ކަމަށް އޭނާ ބުންޏެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނީ ލީޑަރުންގެ މެދުގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މީޑިއާތަކުން ފަތުރާ ޔޯލަ ވާހަކަތަކަށް ކޮމެންޓް ނުކުރާނެ ކަމަށެވެ.

ނަތަންޔާހޫ ނެރުނު އެހެން ބަޔާނެއްގައި ވަނީ ހާރެޒްގެ މި ރިޕޯޓު ފެތުރުމުގެ ފަހަތުގައިވަނީ ފަލަސްތީނުގެ ސިޔާސީ އެކްޓިވިސްޓް މުހައްމަދު ދަހްލާން ކަމަށް ތުހުމަތުކޮށްފަ އެވެ. ދަހްލާނަކީ 2011 ވަނަ އަހަރު ފަތަހް ޕާޓީން ވަކިކުރުމާ ގުޅިގެން ޔޫއޭއީގައި ދިރިއުޅެމުންދާ މީހެކެވެ. ނަމަވެސް ދަހްލާންގެ މަންދޫބުން ވަނީ ނަތަންޔާހޫގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.