މުސްލިމުންނަށް މިހާރުވެސް ގޮންޖެހުންތައް ބޮޑު އިޓަލީގެ ސްކޫލްތަކުގައި ބުރުގާ އާއި ނިގާބް މަނާކުރުން ވެސް ހިމަނައިގެން ސަރުކާރުން ގާނޫނީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ހަރުކަށި ކަނާތުފިޔައިގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިއުލާން ކުރައްވައިފި އެވެ.
މެލޯނީގެ "ބްރަދާސް އޮފް އިޓަލީ" (އެފްޑީއައި) ޕާޓީގެ ޒުވާނުންގެ ގޮފިން އިންތިޒާމްކުރި ފެސްޓިވަލެއްގައި ވާހަކަދައްކަވަމުން، އޭނާ ވަނީ ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ މި އިސްލާހުތަކުގެ ތަފްސީލް ހާމަކުރައްވައިފަ އެވެ.
މި އިސްލާހުގެ ދަށުން، މޫނު އެއްކޮށް ނިވާވާ ބުރުގާ އާއި ލޯ އެކަނި ފެންނަ ގޮތަށް އަޅާ ނިގާބު ސްކޫލްތަކުގައި މަނާވާނެ އެވެ. ނަމަވެސް ބޯ އެކަނި ނިވާކުރާ ހިޖާބު މަނާކުރުން މީގެ ތެރެއަކު ނުހިމެނެ އެވެ.
މީގެ އިތުރުން، ބޭރު ގައުމުތަކަށް ނިސްބަތްވާ ކުދިން މުޖުތަމައަށް ހޭނުވުމަށާއި އިޓަލީ ބަސް ދަސްކޮށްދިނުމަށް ފަސޭހައަކަށް، ކްލާސްރޫމްތަކުގައި ތިބެވޭނެ ބޭރު ކުދިންގެ އެންމެ ގިނަ އަދަދު ކަނޑައެޅުމާއި، އަމިއްލަ ގައުމަށް ހޭނުމުގައި ދަތިތައް ހުންނަ ބޭރު ކުދިންގެ ބެލެނިވެރިންނަށް މަޖުބޫރު އިޓަލީ ބަހުގެ ކްލާސްތަކެއް ހިންގުން ވެސް މި ޕެކޭޖުގައި ހިމެނެ އެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށް މި ނިންމުން އިއުލާންކުރިއިރު، މެލޯނީ ވިދާޅުވީ އިޓަލީގައި އުޅެން ބޭނުންވާ ކޮންމެ މީހަކު ވެސް އެ ގަ އުމުގެ ބަހާއި ސަގާފަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
ގާނޫނާ ހިލާފުވާ ފަރާތްތައް 300 އާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
މި ގާނޫނު ކެބިނެޓުން ފާސްވުމުން، 60 ދުވަސް ތެރޭގައި ޕާލިމަންޓުން ފާސްކުރަން ޖެހޭނެ އެވެ.
މި އާ ގާނޫނަކީ އިޓަލީގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސަތުތަކުގެ ބައެއް ކަމަށް ފާހަގަކޮށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރާއިރު މެލޯނީގެ ސަރުކާރުން މި ގާނޫނު ސިފަކުރަނީ "އިސްލާމީ ވަކިވެގަތުމާ" އަދި ހަރުކަށި ފިކުރާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
އިޓަލީގައި 1.7 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެމުންދާއިރު، އެ ގައުމުގައި މުސްލިމުންނަށް ނިޒާމީ ގޮތެއްގައި ދިމާވާ ގޮންޖެހުންތައް ގިނަ އެވެ. އިޓަލީގައި ރަސްމީކޮށް މިސްކިތް ބިނާކުރުމަށް ގާނޫނީ އަދި އިދާރީ ގިނަ ހުރަސްތަކެއް ހުރެ އެވެ. މިކަމުގެ ސަބަބުން ގިނަ މުސްލިމުންނަށް ނަމާދުކުރަން ޖެހެނީ ގަރާޖުތަކާއި ވަގުތީ ގޮތުން ހަދާފައިވާ ނުރަސްމީ މަރުކަޒުތަކުގަ އެވެ.
މުސްލިމުންގެ ދީނީ އުސޫލުތަކާ އެއްގޮތަށް މީހުން ވަޅުލާނެ ހާއްސަ ގަބުރުސްތާނުތައް މަދުވުމަކީ ވެސް މުސްލިމް އާއިލާތަކަށް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ.
ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކުން މުސްލިމުންނާ މެދު ނޭދެވޭ ތަސައްވުރެއް އުފައްދައި، މުޖުތަމައުގައި މުސްލިމުން އެކަހެރިވާ ފަދަ ވާހަކަތައް ދައްކާ ކަމުގެ ޝަކުވާ އިޓަލީގައި ބޮޑެވެ.