ޒުވާން އުމުރުގެ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު ފާއިތުވި ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެ، ދެގުނައަށް މަތިވެފައިވާ ކަމަށް ދާދިފަހުން ކުރި ބޮޑު ދިރާސާއަކުން ދައްކައިފި އެވެ
.ބައިނަލްއަގުވާމީ މެޑިކަލް މަޖައްލާއެއް ކަމަށްވާ 'ނިއުރޮލޮޖީ' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، އުމުރުން 18 އަހަރާއި 44 އަހަރާ ދެމެދުގެ ޒުވާނުންނަށް ސްޓްރޯކް - ސިކުނޑިއަށް ލޭފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެންދިއުން - ކުރިމަތިވާ ރޭޓް ކުރިއާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ކޮންމެ 100,000 ޒުވާނުންގެ ތެރެއިން ސްޓްރޯކް ޖެހެނީ ނިސްބަތުން 33.9 މީހުންނަށް ކަމަށް ވިޔަސް، 2020 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ވަނީ ކޮންމެ 100,000 މީހަކުން 62.2 އަށް މަތިވެފަ އެވެ.
ސައިންސްވެރިންނާއި ސިއްހީ މާހިރުން ބުނާ ގޮތުގައި ޒުވާނުންގެ މެދުގައި ސްޓްރޯކްގެ މައްސަލަ މިހާ ބޮޑަށް ފެންމަތިވަމުންދަނީ، އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ "ސައިލެންޓް" ނުވަތަ ހަށިގަނޑުން ބޭރަށް ނޭނގި ހުންނަ ބަލިތައް ޒުވާނުންގެ ކިބައިން ފެންނަ މިންވަރު އިތުރުވުމުންނެވެ. މީގެ ތެރޭގައި، ލޭމައްޗަށް ގޮސްފައިވާކަން ނޭނގި ހުރުން، ކޮލެސްޓްރޯލް މަތިވުން، ހަކުރުބަލި އަދި އެކަށީގެންވާ ވަރަށްވުރެ ފަލަވުން ހިމެނެ އެވެ.
ގިނަ ޒުވާނުންނަކީ ގަވާއިދުން މެޑިކަލް ޗެކަޕް ހަދާ ބަޔަކަށް ނުވާތީ، ސްޓްރޯކެއް ޖެހުމާ ހަމައަށްދާއިރު ވެސް ހަށިގަނޑުގައި މިފަދަ ނުރައްކާތެރި ބައްޔެއް ހުރިކަން ގިނަ ފަހަރަށް އޮންނަނީ ނޭނގި އެވެ. މީގެ އިތުރުން، މި ޒަމާނުގެ ދިރިއުޅުމުގެ އާދަކާދަތަކަށް އައިސްފައިވާ ނުރަނގަޅު ބަދަލުތައް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި:
- އެކަށީގެންވާ ކަސްރަތާއި ހަރަކާތްތެރިކަން މަދުވުން.
- ފާސްޓްފުޑާއި ޕްރޮސެސްޑް (ގިނަ ދުވަހު ހުންނަ ގޮތަށް ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ) ކާނާ ކެއުން އިތުރުވުން.
- ވޭޕްކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ލޭގެ ހޮޅިތަކަށް ލިބޭ ގެއްލުން ބޮޑުވުން.
- ވަޒީފާގެ މާހައުލުންނާއި ދިރިއުޅުމުން ދިމާވާ ނަފްސާނީ ބުރަކަމާއި ސްޓްރެސްގެ އިތުރުން އަދި ނިދިމަދުވުން.
ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، އަހަރަކު އެއްފަހަރު ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމާއި، ހަފްތާއަކު މަދުވެގެން 150 މިނެޓު ކަސްރަތުކުރުމާއި، އަދި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުން މި ނުރައްކަލުން ދުރުހެލިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސްޓްރޯކްގެ އަލާމާތްތައް ދެނެގަންނާނެ ގޮތް
- ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން.
- ކުއްލިއަކަށް އެއްލޮލުން ނުވަތަ ދެލޮލުން ފެނުން ފުސްވުން ނުވަތަ ޑަބަލްކޮށް ފެނުން.
- ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް ތިރިވެފައި ހުރުން.
- އަތް ނުވަތަ ފައިގެ ވާގިދިއުން. ދެއަތް މައްޗަށް ހިއްލާލާއިރު އެއް އަތް ތިރިއަށް ވެއްޓުން.
- ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުން އަދި މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން.
މިއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ވަގުތުން ހޮސްޕިޓަލަށް ގޮސް ފަރުވާ ލިބިގަންނަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.