ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި، މެދުނުކެނޑު އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި އެވެ. 

ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބެންކޮކްގެ ބައެއް ސަރަހައްދުތަކަށް 300 މިލިމީޓަރު (11.8 އިންޗި) ގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއާ އެކު މުޅި ސިޓީގެ ފެންހިންދާ ނިޒާމަށް ބާރުބޮޑުވެ، މަގުތަކާއި، ބޮޑެތި ހައިވޭތައް ވަނީ ފެނުގެ އަޑީގަ އެވެ.

ބެންކޮކްގެ ގަވަރުނަރު ޗަދުޗާޓް ސިއްތިޕުންތު މިއަދު ވަނީ މުޅި ސިޓީއަށް "ރެޑް އެލާޓް" ނެރުއްވައި، ކާރިސާގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ. މި ނިންމެވުމާ އެކު، ލޯކަލް އިދާރާތަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރިހަމަ ބާރު ވަނީ ލިބިފަ އެވެ.

ތައިލެންޑުގެ ބެންކޮކްގައި ފެން ބޮޑުވެފައިވާ ސަރަހައްދެއްގައި ބަޔަކު ދޯންޏެއްގައި ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ތައިލެންޑުގެ ބެންކޮކްގައި ފެން ބޮޑުވެފައިވާ ސަރަހައްދެއްގައި ބަޔަކު ދޯންޏެއްގައި ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގަވަރުނަރު ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ބެންކޮކްގެ އިރުމަތީ ބިތުގެ ސަރަހައްދުތަކަށެވެ. އިނގިރޭސިވިލާތުގެ ލަންޑަނަށް ރަސްމީ ދަތުރެއްގައި ވަޑައިގެން ހުންނެވި ތައިލެންޑުގެ ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވަނީ މި ނުރައްކާތެރި ހާލަތާ ގުޅިގެން، ދަތުރު ކުރުކޮށްލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ. 

ފެންބޮޑުވުމުގެ ސަބަބުން ބެންކޮކްގެ ގިނަ ސަރަހައްދުތަކެއްގައި މީހުންނަށް ދަތުރުފަތުރު ނުކުރެވި، ގޭގޭގައި ވަނީ ބަންދުވެފަ އެވެ. ބައެއް ހިސާބުތަކުގައި ދެ ފޫޓަށް ވުރެ މައްޗަށް ފެންބޮޑުވެފައިވާއިރު، ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ ފެނުގެ އަޑީގަ އެވެ.

ތައިލެންޑް އަސްކަރިއްޔާއިން މިހާރު އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމާއި، ކާބޯތަކެތި ބެހުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަން އިން ވަނީ ސިޓީގެ ސުކޫލުތައް އިވެކުއޭޝަން ސެންޓަރުތަކަށް ބަދަލުކޮށް، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރަން ފަށައިފަ އެވެ.

ތައިލެންޑުގައި ފެން ބޮޑުވެފައިވާ ގެއެއްގެ ތެރެއިން ފެން ހިންދައި ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ތައިލެންޑުގައި ފެން ބޮޑުވެފައިވާ ގެއެއްގެ ތެރެއިން ފެން ހިންދައި ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތައިލެންޑް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިންޒާރުދޭ ގޮތުގައި ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ނިޔަލަށް، ބެންކޮކް ހިމެނޭހެން ގައުމުގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮޅިގަނޑުގައި ކަނޑުތައް ގަދަވެ ތިން މީޓަރަށްވުރެ އުަހަށް ރާޅު އުފެދޭނެތީ ކުދި އުޅަނދުފަހަރު ކަނޑަށް ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.