ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާ ދިނުމުގެ ހާދިސާތައް ހިނގަމުން ދިޔަ ނަމަވެސް، މެދުއިރުމަތީގެ ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު މިދިޔަ ހަފުތާގައި ވަނީ ހަނގުރާމައިގެ ކުރީގެ ލެވެލްއަށްވުރެ މައްޗަށް ގޮސްފައި ކަމަށް މެރިޓައިމް ޓްރެކިންގް ފާމެއް ކަމަށްވާ ކެޕްލަާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ނަމަވެސް މިއީ އީރާންގެ އެކްސްޕޯޓް ނުހިމަނައި ކަމަށް އެ ފާމުން ބުންޏެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަމަލާތައް ފެށި ފަހުން ފުރަތަމަ ފަހަރަށް، ހަފުތާއެއްގެ އެވްރެޖް ޝިޕްމަންޓްތައް ވަނީ ހަނގުރާމައިގެ ކުރީގެ އެވްރެޖް ކަމަށްވާ ދުވާލަކު 18 މިލިއަން ފީފާއަށްވުރެ މަތިވެ އެ އަދަދުގައި އެތައް ދުވަހެއް ވަންދެން ވަނީ ހިފެހެއްޓިފަ އެވެ.
ކެޕްލާ އިން ބުދަ ދުވަހު ބުނި ގޮތުގައި، ސެޕްޓެމްބަރު މަހު ތެޔޮ އެކްސްޕޯޓް ކުރި މިންވަރު ހަނގުރާމައިގެ ކުރީގެ ލެވެލްއަށް އަރާފައި ވާއިރު، އީރާން ފިޔަވައި އެ ސަރަހައްދުން މަދުވެގެން 16.5 މިލިއަން ފީފާގެ ތެޔޮ ބޭރުކޮށްފައިވެ އެވެ.
"މިހާރު ތެލުގެ 40 ޕަސެންޓް ހޮރްމޫޒް ކަނޑުއޮޅި ބައިޕާސްކުރޭ (ކަނޑުއޮޅިއަށް ނުވަދެ ދެވޭނެ އެހެން މަގުތައް ބޭނުންކުރޭ)، އަދި ކަނޑުއޮޅި ހުރަސްކުރާ ގިނަ ތެޔޮ ޓޭންކަރުތަކަށް ކަނޑުމަތިން ތެޔޮ ޓްރާންސްފާކުރޭ،" ކެޕްލާއިން ބުންޏެވެ.
މީގެ އިތުރުން، ގިނަ ތެޔޮ ދައުރުވަނީ ސައުދީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހޮޅިލައިންތަކުން ކަމަށް ވެސް އެ ފާމުން ބުންޏެވެ.
މި ހިސާބުތަކުގެ ތެރޭގައި ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ ތެޔޮވެ ސް ހިމެނެ އެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުން ސަލާމަތްވުމަށް އިތުރަށް ބޭނުންކުރަމުންދާ މަގެކެވެ. މި ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހުރަސްކުރީ ހޮރްމޫޒް ކަނޑުއޮޅިންނެވެ.
އީރާނުން އަދިވެސް އެ ކަނޑުއޮޅީގެ ކޮންޓްރޯލް އޮތް ކަމަށް ބުނަމުންދާއިރު، އެ ގައުމުގެ ހުއްދަ ނެތް އުޅަނދުފަހަރަށް ހަމަލާގެ ނުރައްކާ އޮވެ އެވެ. ނަމަވެސް އެ ސަރަހައްދުން ބޭރުވާ އުޅަނދުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި އެ ކަނޑުއޮޅި ބައިޕާސްކުރުމަށް ހަދާފައިވާ ބަދަލު މަގުތައް ދަނީ ފުރިހަމަ ކެޕޭސިޓީގައި ހިނގަމުންނެވެ.
ތެޔޮ ބޭރުކުރާ މިންވަރު މަތިވި ނަމަވެސް، މަސްރަހު އަދިވެސް އާންމު ހާލަތަކަށް ނާންނަކަން މާހިރުން ފާހަގަކުރެ އެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކުރުމުގެ ސަބަބުން، އީރާނުގެ އަމިއްލަ އެކްސްޕޯޓްގެ ބޮޑު ބައެއް ވަނީ ހުއްޓިފަ އެވެ.
ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ އިރުމަތީގައިވާ މައިގަނޑު ތެޔޮ ފީލްޑްތައް ރަތްކަނޑުގެ ޔަންބު ޓާމިނަލާ ގުޅުވައިދޭ "އީސްޓް-ވެސްޓް" ހޮޅިލައިން އަލުން ހުޅުވައިގެން އޭގެ ފައިދާ ހޯދަމުންނެވެ. މިކަމުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅި ބައިޕާސްކުރުމުގެ ފުރުސަތު އެ ގައުމަށް ލިބެ އެވެ.
އިރާގުން އައި ހަމަލާތަކެއްގެ ސަބަބުން ސެޕްޓެމްބަރު 11 ގައި ބަންދުކުރި މި ހޮޅިލައިން، ސެޕްޓެމްބަރު 22 ގައި އަލުން އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށް ކެޕްލާގެ އެނަލިސްޓް އާމިނާ ބަކްރް މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
ޔޫއޭއީއަށް ވެސް ހޮރްމޫޒް ބައިޕާސްކުރުމުގެ ގާބިލްކަން ލިބިފައިވަނީ، އަބޫދާބީގެ ތެޔޮ ފީލްޑްތަކުން އުމާން ކަނޑުގެ އައްސޭރީގައި (ކަނޑުއޮޅިން ބޭރުގައި) އޮންނަ ފުޖައިރާ ޓާމިނަލާ ގުޅުވައިދޭ ހޮޅިލައިނުގެ ސަބަބުންނެވެ. -- އޭއެފްޕީ