ރަޝިޔާގެ ސައިބީރިއާ ސަރަހައްދުގެ އިރްކުުޓްސްކް އެންޓި-ޕްލޭގް އިންސްޓިޓިއުޓް ގައި މަސައްކަތްކުރަމުންދިޔަ 28 އަހަރުގެ އަންހެން ލެބޯޓްރީ ޓެކްނީޝަނެއް ކަމަށްވާ ދާރިއާ ޝިޕިލޯވާ ނުރައްކާތެރި "ޕްލޭގް" ބަލީގައި މަރުވުމާ ގުޅިގެން، އެ ސަރަހައްދުގައި ކަރަންޓީނުގެ ކުއްލި އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން މުޅި ދުނިޔޭގެ ސިއްހީ އިދާރާތަކުގެ ސަމާލުކަން މިހާރު ވަނީ މި ސަރަހައްދަށް ހުއްޓިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ދާރިއާ މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލެބޯޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށް، "ޔަރްސީނިއާ ޕެސްޓިސް" ކިޔާ ޕްލޭގް ބެކްޓީރިއާ ހުރި ޓެސްޓް ޓިއުބެއް އަތުން ވެއްޓި ތެޅުނު ފަހުން ވީ ބައްޔެއްގަ އެވެ. މި ހާދިސާއަށް ދެ ދުވަސް ފަހުން އޭނާއަށް ނޭވާލާން އުނދަގޫވެ، ހާލު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މި މަހުގެ ދެ ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.
އޭނާއާ ދިމާވި ނުވަތަ ކޮންޓެކްޓްވި 197 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އެކަހެރިކޮށް، މެޑިކަލް އޮބްޒަވޭޝަނަށް ލައިފަ އެވެ. މީގެ އިތުރުން އޭނާއަށް ފަރުވާދިން ޝެލެޚޮވް ޑިސްޓްރިކްޓް ހޮސްޕިޓަލް ކަރަންޓީނުކޮށް، އެ ސަރަހައްދުގެ ފެކްޓްރީތަކުގައި ވަނީ މީހުން މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ބޮޑެތި ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އަވަށްޓެރި ބުރިއާތިއާ ސަރަހައްދުގެ ގަވަރުނަރު އަލެކްސީ ސިދެނޯވް ވަނީ މިއީ ޕްލޭގް ބަލީގެ މަރެއްކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ރަޝިޔާގެ މަރުކަޒީ ސިއްހީ އިދާރާ އިން ބުނަމުންދަނީ މިއީ އަދި ސީދާ ކޮން ކަހަލަ ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްކަން ނޭނގޭ "ނިއުމޯނިއާ" ބައްޔެއް ކަމަށެވެ. ނަމަވެސް، ރަޝިޔާގެ ފެޑެރަލް ހެލްތު ޗީފް އަންނާ ޕޮޕޯވާ ވަނީ ކުއްލި ގޮތަކަށް އެ ސަރަހައްދަށް ވަޑައިގެން، ރައްކާތެރިކަމުގެ ކަންކަން ބަލަހައްޓަވަން ފައްޓަވައިފަ އެވެ.
އެމެރިކާގެ ވައިޓް ހައުސް އާއި ސީޑީސީން ވެސް އަންނަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަ ކުރަމުންނެވެ. ޑަބްލިޔު.އެޗް.އޯ އިން ބުނި ގޮތުގައި "ނިއުމޮނިކް ޕްލޭގް" އަކީ ވައިގެ ޒަރީއާއިން ވަރަށް އަވަހަށް ފެތުރޭ، އަދި ކުރީކޮޅު ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
އިދާރާތަކުން ބުނާގޮތުގައި ކަރަންޓީނުކުރި މީހުންގެ ތެރެއިން މިހާތަނަށް ޕްލޭގް ބެކްޓީރިއާއަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އަދި އާންމުން ބިރުނުގަތުމަށާއި ހާލަތު އޮތީ ކޮންޓްރޯލްވެފައި ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެ އެވެ.