ޖަޕާނުގެ އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ރުޅިގަދަވެފައިވާ އެތައް ބަޔަކު، ޓޯކިޔޯގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމައްޗަށް އެއްވެ، އެމެރިކާ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.
ޖަޕާނުގެ އޮކިނާވާ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި އުޅޭ ސިފައިންގެ ފަރާތުން ޖިންސީ ގޯނާކުރުމާއި، ހަމަލާދިނުމާއި، އެކްސިޑެންޓްކޮށްފައި ފިލުމާއި، މަސްތުވެގެން ސައިކަލާއި ކާރު ދުއްވުން ފަދަ ނުރައްކާތެރި ކުށްތައް އާންމުވުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ނުރުހުމާއި އިހުތިޖާޖު އަބަދުވެސް އަމާޒުވާ ކަމެކެވެ.
ޖަޕާނުގައި އެމެރިކާ އަސްކަރިއްޔާއިން ބޭނުންކުރާ ވަސީލަތްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހިއްސާކުރަނީ އޮކިނާވާ އައިލެންޑުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އޮކިނާވާގައި އުޅޭ އުމުރުން 20 އަހަރުގެ އެމެރިކާ މެރިން ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވަނީ ނާހާ ސިޓީގެ ހޮޓަލެއްގެ ތެރޭގައި 39 އަހަރުގެ އަންހެނަކު މަރާލައި، އޭނާގެ ވޮލެޓް ފޭރުނު ކަމުގެ ތުހުމަތުގަ އެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އާންމުންގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ ވަނީ މި ލާއިންސާނީ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
މުޒާހަރާ އިންތިޒާމުކުރި، އޮކިނާވާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ސޮރާނޭ ސާކިހާމާ ބުނީ، ޖަޕާނުގެ އެއްވެސް ސަރަހައްދަކަށްވުރެ ބޮޑަށް އޮކިނާވާގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުވެފައިވުމުން، އެމެރިކާ ސިފައިންގެ ފަރާތުން ލިބޭ އަނިޔާތަކަށް އެންމެ ބޮޑަށް ހުށަހެޅެނީ އެ ސަރަހައްދުގެ އާންމުން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި މާހައުލެއްގައި ކުދިން ބޮޑުކުރަންޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، މިއީ ހިތާމައާއި ރުޅިވެރިކަން އުފެދޭ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
މުޒާހަރާގެ ބައިވެރިން ވަނީ "އެމެރިކާ ސިފައިންގެ އަނިޔާވެރިކަން ހުއްޓާލާ"، "އޮކިނާވާއަކީ ކަލޭމެން ކުޅޭކުޅޭ ތަނެއް ނޫން" ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑު އުފުލައިފަ އެވެ. އަދި އޮކިނާވާގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަހައްޓަން ނޭދޭ ކަމަށް ވެސް ގޮވާފައިވެ އެވެ.
އެމެރިކާއާ އެކު 1960 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން، އެމެރިކާ ސިފައިން ޑިއުޓީގައި ތިބޭއިރު ހިންގާ ކުށްތަކަށް ޖަޕާނުގެ ގާނޫނީ އިހުތިސާސެއް ނުހިނގަ އެވެ. އަދި ޑިއުޓީ ގަޑި ނޫން ވަގުތުތަކުގައި ކުށެއް ކުރިކަމުގައި ވިޔަސް، ތުހުމަތުކުރެވޭ މީހާ އަސްކަރީ މަރުކަޒުގެ ތެރޭގައި ހުރި ނަމަ، ދައުވާ އުފުލުމާ ހަމައަށް އޭނާ ޖަޕާނުގެ ކަމާބޭހޭ ފަރާތްތަކާ ހަވާލެއް ނުކުރެވެ އެވެ. ނަމަވެސް، މި ފަހަރުގެ ހާދިސާގައި، ތުހުމަތުކުރެވޭ ސިފައިންގެ މީހާ ނާހާގެ މަގުމަތީގައި އެކަނި ހިންގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގައި ބައިވެރިވި އުމުރުން 67 އަހަރުގެ ނާކޯ ފުޖިހާތާ ބުނީ، އެމެރިކާ ސިފައިން ކުރާ ކުށްތަކާ ދެކޮޅަށް ޓޯކިޔޯ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ނާޅާތީ ހިތްހަމަނުޖެހޭ ކަމަށާއި، ބޭރުގެ ހުރިހާ ސިފައިން ޖަޕާނުން ފައިބަންޖެހޭ ކަމަށެވެ. އަދި އޮކިނާވާގެ އާ ގަވަރުނަރު ގެންތާ ކޯޖާގެ ސިޔާސަތުތަކަށް ވަރަށްގާތުން ފާރަވެރިވާނެ ކަމަށް އޭނާ ބުންޏެވެ.
ކޯޖާ ވަނީ އެމެރިކާގެ މެރިން ކޯޕްސްގެ ފުޓެންމާ އެއާ ބޭސް އޮކިނާވާގެ މައި ރަށުގައި ބެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ މަރުކަޒު މީހުން މަދުން އުޅޭ ސަރަހައްދަކަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ. މީގެއިތުރުން، އޮކިނާވާގައި ހުރި އަސްކަރީ މަރުކަޒުތަކުގެ ބާރު ކުޑަކުރުމާ ގުޅޭގޮތުން ގަވަރުނަރު ކޯޖާ، ބޮޑުވަޒީރު ތަކާއިޗީއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހާދިސާއަށްފަހު ބޮޑުވަޒީރު ތަކާއިޗީ ވަނީ، ތަހުގީގަށް އެމެރިކާގެ ކަމާބޭހޭ ފަރާތްތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، ސިފައިންގެ އަހުލާގާއި ސުލޫކު ހިފެހެއްޓުމަށް އެމެރިކާއަށް ގޮވާލައްވައިފަ އެވެ.
އެމެރިކާ ސިފައިން ހިންގާ މިފަދަ ނުރައްކާތެރި ކުށްތަކަކީ ދެ ގައުމުގެ ގުޅުމަށް އަބަދުވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ވޭތުވެދިޔަ އަހަރުވެސް، އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު އެމެރިކާ މެރިން ސިފައިންގެ މީހަކު ހަތް އަހަރަށް ޖަލަށް ލާން ޖަޕާނުގެ ކޯޓަކުން ހުކުމްކުރި އެވެ. އަދި 2017 ވަނަ އަހަރު އޮކިނާވާގައި އަންހެނަކު ރޭޕްކޮށް މަރާލި އެމެރިކާ އަސްކަރީ މަރުކަޒެއްގެ މަސައްކަތްތެރިއަކު އުމުރަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.