ތައުލީމީ ދާއިރާގެ ހާލަތު ދަށްވުމާއި، ސަރުކާރުން ބަޖެޓް ކުޑަކުރަން ނިންމި ނިންމުމާ ދެކޮޅަށް ފްރާންސްގެ ދަރިވަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ނުކުމެ ފެށި އިހުތިޖާޖު ވަރުގަދަވެ ގައުމުގެ ތާރީހުގައި ވެސް ފަހަކަށް އައިސް ނުދެކޭ ފަދަ ބޮޑު މުޒާހަރާއަކަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ މި މުޒާހަރާތައް ވަރުގަދަވެ، މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 250,000 އަށް ވުރެ ގިނަ މީހުން ވަނީ ފްރާންސްގެ އެކި ސިޓީތަކުގެ މަގުތަކަށް ނުކުމެފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފްރާންސްގެ 900 އެއްހާ ހައި ސްކޫލް ބަންދުކޮށް، މި ހަފުތާގެ ނިޔަލަށް ހުރިހާ ކްލާސްތަކެއް ވަނީ މެދުކަނޑާލައިފަ އެވެ.
މި މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޝަކުވާތަކަކީ ސްކޫލްތަކުގައި ބަދަލު ޓީޗަރުން ނުލިބުމާއި، ކްލާސްތަކުގެ ވަގުތުތައް ދިގުވުމުގެ އިތުރުން ސްކޫލްތަކުގެ އިމާރާތްތައް ބާވެ، ހޫނުގަދަ ދުވަސްވަރު ކްލާސްތަކުގައި ކިޔަވައިދެވޭނެ ފަދަ މާހައުލެއް ނެތުމެވެ. މީގެ އިތުރުން، ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ހަރަދުތައް ކުޑަކޮށް، މުވައްޒަފުންގެ މުސާރަ ފްރީޒްކުރަން ނިންމުމުން، ފަޔަ ފައިޓަރުންނާއި ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ.
މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި މިހާތަނަށް 215 ދަރިވަރުންނާއި، ސްކޫލްތަކުގެ 85 މުވައްޒަފުންގެ އިތުރުން 715 ފުލުހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ފުލުހުން ބޭނުންކުރި ގްރެނޭޑެއްގެ ސަބަބުން 15 އަހަރުގެ ކުއްޖެއްގެ އަތް ބުރިވުމާއި، ޕްރޮޖެކްޓައިލްއަކުން ޖެހި ދަރިވަރަކަށް ލިބުނު ސީރިއަސް އަނިޔާތަކެއް ވުން ހިމެނެ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 6,100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ވަޒީރުންނަށް އަންގަވައިފަ އެވެ. ނަމަވެސް ސްކޫލްތަކާ ދެކޮޅަށް ހިންގާ ކުށުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި މުޒާހަރާތައް ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ހަތިޔާރަކަށް ހަދަމުންދާ ކަމަށް ބުނެ ސަރުކާރުން ދަނީ އިދިކޮޅު ވާތުފިޔައިގެ ޕާޓީތަކަށް ތުހުމަތު ކުރަމުންނެވެ.