ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކާއި ނައަމްސޫފިތަކަށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ހަމަލާދިނުން އިތުރުވާއިރު މިފަހަރު އެ ހަމަލާތައް ވަކިން ބޮޑަށް އިތުރުވެފައި ވަނިކޮށް އެ ސަރަހައްދަށް ޒިޔާރަތްކުރި ޔޫރަޕިއަން ޔުނިއަންގެ ވަފުދަށް ވެސް މިއަދު ހަމަލާ ދީފި އެވެ.  

އަނިޔާ ލިބެމުންދާ ފަލަސްތީނު މީހުންގެ ހާލު ބެލުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ހުރަހަކަށް ވުމަށް ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން މީގެ ކުރިން ވެސް މި މޫސުމުގައި އެ ސަރަހައްދަށް ޒިޔާރަތްކުރެ އެވެ. 

މަންޒަރު ދުށް މީހުންނާ ހަވާލާދީ އޭއެފްޕީން ބުނީ އީޔޫގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފައިވާ ކަމަށާއި އެ ވަފުދުގައި ހިމެނޭ ފްރާންސްގެ މޭޔަރަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. 

މި ވަފުދުގައި ހިމެނެނީ ފްރާންސް، ބެލްޖިއަމް އަދި ޕޮލެންޑުގެ ޑިޕްލޮމޭޓުންނާއި މަންދޫބުންނެވެ. އެ ބޭފުޅުން ރާމަﷲގެ އިރުމަތީގައި އޮންނަ ތައިބޭ ކިޔާ ކްރިސްޓިއަން އަވަށަކަށް ވަޑައިގަތީ ޒައިތޫނި ބިނުމުގެ މޫސުމުގައި ފަލަސްތީނުގެ ދަނޑުވެރިންނަށް ހިތްވަރުދީ އެހީތެރިވުމަށެވެ. 

ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑެއްގައި ރޯކޮށްލާފައި ވާއިރު އަލިފާން ނިއްވަން ފަލަސްތީނު މީހަކު މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑެއްގައި ރޯކޮށްލާފައި ވާއިރު އަލިފާން ނިއްވަން ފަލަސްތީނު މީހަކު މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަމަލާ ދިނީ މޫނު ނިވާކޮށްގެން، އޭޓީވީތަކެއްގައި އައި ހަތް ވަރަކަށް މީހުން ވނީ ޑިޕްލޮމޭޓުންގެ ގާފިލާ ވަށައިލުމަށްފަހުގަ އެވެ. އަދި އައިޑީ ކާޑު ދެއްކުމަށް އެދުމަށް ފަހު، ބެލްޖިއަމް ކޮންސިއުލާގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލައި، ވަފުދުގެ ބޭފުޅުންނަށް އަނިޔާކުރި އެވެ.

މި ހަމަލާގައި ފްރާންސްގެ އޮލްނޯއި-އޭމެރީސްގެ، އުމުރުން 78 އަހަރުގެ މޭޔަރު، ބާނާޑް ބައުޑޫކަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. ޑިޕްލޮމޭޓުން ބުނި ގޮތުގައި އޭނާއަށް އަނިޔާވި ނަމަވެސް، ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުމެއް ނުވެ އެވެ.

އިޒްރޭލު ފުލުހުން އާދައިގެމަތިން ވަނީ މިކަން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. 

ފަލަސްތީނުގެ ރައްޔިތުންގެ މައިގަނޑު އާމްދަނީ ގުޅިފައިވާ ޒައިތޫނި ބިނުމުގެ މޫސުން ފެށުމާ އެކު، އިޒްރޭލުގެ ވަޒަންވެރިން ދަނީ ދަނޑުވެރިންނަށް ރޭވުންތެރިކަމާ އެކު ހަމަލާދެމުންނެވެ. ބޮޑެތި ގްރޫޕްތަކުން އަވަށްތަކަށް އަރައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ތަޅައި އަނިޔާކޮށް، އެމީހުން ބިނދެފައިވާ ޒައިތޫނިތަކާއި ދަނޑުވެރިކަމުގެ ސާމާނު ދަނީ ފޭރެމުންނެވެ. އިޒްރޭލުގެ ވަޒަންވެރިން ވަނީ ފަލަސްތީނުގެ އާންމުންގެ އެތައް ކާރެއްގަ އާއި، ސިވިލް ޑިފެންސްގެ ވެހިކަލްތަކުގައި ހުޅު ވެސް ޖަހައިފަ އެވެ. މީގެ އިތުރުން، އެތައް ސަތޭކަ އަހަރެއްވީ ޒައިތޫނި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ދަނޑުތައް ވަނީ އަންދާލައިފަ އެވެ. 

ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ފަލަސްތީނުމީހުންގެ ޒައިތޫނިދަނޑުތަކަށް ވަދެ ތިބި ޔަހޫދީންގެ ބަޔަކު ހަތިޔާރާ އެކު ޖަރީމާތައް ހިންގަނީ. -- ފޮޓޯ: އަލްވަފާ
ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ފަލަސްތީނުމީހުންގެ ޒައިތޫނިދަނޑުތަކަށް ވަދެ ތިބި ޔަހޫދީންގެ ބަޔަކު ހަތިޔާރާ އެކު ޖަރީމާތައް ހިންގަނީ. -- ފޮޓޯ: އަލްވަފާ

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި މޫސުން ފެށުނު ފަހުން އެކަނިވެސް ވަޒަންވެރިންނާއި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. 

މަންޒަރު ދުށް މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓުކުރާ ގޮތުގައި، ޔަހޫދީންގެ ހަރުކަށި ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދޭއިރު އިޒްރޭލު ސިފައިން އެކަން ހުއްޓުވުމުގެ ބަދަލުގައި ތިބެނީ ބަލާށެވެ. އަދި ފަލަސްތީނުގެ އާންމުން އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރުމުން، އިޒްރޭލު ސިފައިން ދަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް ކަރުނަގޭހާއި ބަޑިން ބިރު ދައްކައިގެން އެމީހުން އަމިއްލަ ބިމުން ބޭރުކުރަމުންނެވެ.

މި ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުން ބިރުގަންނުވައި، އެމީހުންގެ އަމިއްލަ ބިންތަކުން ބޭރުކޮށްލުމަށް އިޒްރޭލުގެ ސަރުކާރުން ހިންގާ ނަސްލު ނައްތާލުމުގެ ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ބުނަމުންނެވެ. 

ޒައިތޫނި ދަނޑުތަކުން އަލިފާން ނިއްވަން ފަލަސްތީނުގެ ސިވިލް ޑިފެންސްގެ މެންބަރުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޒައިތޫނި ދަނޑުތަކުން އަލިފާން ނިއްވަން ފަލަސްތީނުގެ ސިވިލް ޑިފެންސްގެ މެންބަރުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ "އަލްވަފާ" ނިއުސްއެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުމީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގަން ހުޅަނގުއައްސޭރީގައި ހަރަކާތްތެރިވާ ޔަހޫދީ ގްރޫޕަކުން ރާމަﷲގެ އިރުމަތީގައިވާ ކަފްރުމާލިކު ނަމަކަށް ކިޔާ އަވަށުގައި ފަލަސްތީނުމީހުންގެ ކަންބަޅިތަކަކަށް ވަޅިން ހަމަލާދީ 20 ކަންބަޅި މަރާލާފައިވެ އެވެ.

ހަަމަ އެއަވަށުގައި އިޒްރޭލު ސިފައިން ކަރުނަގޭހުން ދިން ހަމަލާއެއްގައި ފޮނުވައިލި ކެނިސްޓާއެއްގެ ސަބަބުން ފަލަސްތީނުމީހެއްގޭގައި އަލިފާންރޯވެ އެނދި އެވެ.

ރާމަﷲގެ އުތުރުގައިވާ އަބޫފަލާހް ނަމަކަށްކިޔާ އަވަށުގައި ފަލަސްތީނުމީހުންގެ އެމީހުންގެ އަމިއްލަ ޒައިތޫނި ދަނޑުތަކުން ޒައިތޫނި ބިންނަން ތިއްބާ އިޒްރޭލު ސިފައިން އެ ދަނޑުތަަކަށް ކަރުނަގޭސްޖަަހައި ޒައިތޫނި ބިނުން ހުއްޓުވި ކަމަށް ވެސް އަލްވާފާ ނިއުސްއެޖެންސީން ބުންޏެވެ.

އެ އެޖެންސީން ބުނި ގޮތުގައި ހުޅަނގުއައްސޭރީގެ ގިނަ އަވަށްތަކުގައި ޒައިތޫނު ބިންނަން މަސައްކަތްކުރި ފަލަސްތީނުމީހުންނަށް ޔަހޫދީ ވަޒަންވެރިން މިއަދު ހެނދުނުން ފެށިގެން ހަމަލާދެމުން ގެންދަނީ އިޒްރޭލު ސިފައިންގެ މަދަދާ އެކުގަ އެވެ.

ފަލަސްތީނުމީހުންގެ އަވަށްތަކަށް ބަޑިހިފައިގެން ވަދެ އުޅޭ ޔަހޫދީ ވަޒަންވެރިން ގެންދަނީ ޒައިތޫނިދަނޑުތަކުގައި ހުޅުޖެހުމާއި ފަލަސްތީނުމީހުން ދަނޑުގޮވާން ކުރަން ގެންގުޅޭ ޓްރެކްޓަރު ފަދަ ތަކެތި ފޭރުމުގެ ޖަރީމާތައް ވެސް ހިންގަމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ޒައިތޫނުދަނޑުތަކުގައި ހުޅުޖަހަން އުޅުނު ޔަހޫދީންގެ ޖަރީމާތައް ފޮޓޯ ނަގަން މަސައްކަތްކުރި އެމެރިކާގެ ނޫސްވެރިއަކަށް އެމީހުން އިއްޔެ ބަޑިން ހަމަލާދީ ޒަހަމްކޮށްލި އެވެ. ޒައިތޫނު ދަނޑުތަކުގައި ހުޅުޖެހުން ހުއްޓުވޭތޯ މަސައްކަތްކުރި ފަލަސްތީނުމީހުންނަށް ވެސް ޔަހޫދީން ބަޑީގެ ހަމަލާތައް އެތައް ބަޔަކު ޒަހަމްކޮށްލި އެވެ.