ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އީރާނުން ކުދި ސަބްމެރިން ބޭނުންކުރަން ފަށާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

ޔޫރަޕްގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އީރާނުން މި ފިޔަވަޅު އެޅީ ކަނޑުމަގުން ހަތިޔާރު އުފުލުމަށް ކުރިން ބޭނުންކުރި އާންމު މަގުތަކަށް އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ހަމަލާތައް އަމާޒުވެ، އެ މަގުތައް ބަންދުވުމާ ގުޅިގެން ކަމަށެވެ.

އިންޓެލިޖަންސް ރިޕޯޓްތަކާ ހަވާލާދީ ނޫހުގައި ބުނެފައިވާ އީރާނުން ހަމައެކަނި ހަތިޔާރު ފޯރުކޮށްދެނީ ނޫން ކަމަށެވެ. ސައޫދީ އަަރަބިއްޔާގެ ތެޔޮ ރިގުތަކާއި، އެއާޕޯޓްތަކާއި ސަރަހައްދީ އެހެން އަމާޒުތަކަށް ހޫތީން ދޭ ޑްރޯން އަދި މިސައިލް ހަމަލާތައް ސީދާ އަމާޒަށް ފޮނުވުމަށް ބޭނުންވާ ރިއަލް-ޓައިމް އިންޓެލިޖެންސާއި ޓެކްޓިކަލް އިރުޝާދު ވެސް އީރާނުން ފޯރުކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އޮފިޝަލުން ޔަމަނުގެ ސަރަހައްދުތަކުގައި ހޫތީންނަށް މިސައިލްތައް އެސެމްބަލްކުރާނެ ގޮތާއި ޒަމާނީ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ދޭ ކަމަށް ވެސް ބުންޏެވެ.

ސަބްމެރިންގެ އިތުރުން، އީރާނުގެ 'މަހާން އެއާ' ގެ ފްލައިޓްތައް ބޭނުންކޮށްގެން، ހޫތީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ހަތިޔާރާއި ޑްރޯންގެ ބައިތައް ވައިގެ މަގުން ވެސް އެތެރެކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި އެހީތެރިކަމުގެ ސަބަބުން ހޫތީންނަށް ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރި މަގުތަކަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ސައޫދީއަށް ހަމަލާ ދިނުމުގައި އީރާނުން ހޫތީންނަށް އެހީވާ ކަމަށް ސައޫދީން ތުހުމަތުކުރުމުން އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ  މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް، ހުޅަނގުގެ އަސްކަރީ މާހިރުން ބުނަނީ ހޫތީންގެ ފަހުގެ ހަމަލާތަކުގެ ސްޓްރެޓެޖީ ހުރިގޮތުން އީރާނުގެ ސީދާ އެހީތެރިކަން ލިބޭކަން ސާފުވާ ކަމަށެވެ.