އިންޑިއާގެ ޓެލެކޮމް ނެޓްވޯކްތަކުން ގުޅާ މީހާގެ ފޯނު ނަންބަރުގެ އިތުރުން، އެ ނަންބަރެއް ރަޖިސްޓްރީކޮށްފައި އޮންނަ މީހާގެ ފުރިހަމަ ނަން ފޯނު ސްކްރީނަށް އަރާ ގޮތް ހަދަން އެ ގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

"ކޯލިން ނޭމް ޕްރެޒެންޓޭޝަން" ނުވަތަ ސީއެންއޭޕީގެ ނަމުގައި ތައާރަފުކުރާ މި ހިދުމަތް އަންނަ މަހުގެ 1 އިން ފެށިގެން ހުރިހާ ޓެލެކޮމް އޮޕަރޭޓަރުން ބޭނުންކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް (ޑީއޯޓީ) އިން ވަނީ އަންގައިފަ އެވެ.

މި ނިންމުމަކީ ފޯނު މެދުވެރިކޮށް ހިންގާ ބޮޑެތި ފްރޯޑުތަކާއި، ސްޕޭމް ކޯލްތަކުންނާއި ސްކޭމްތަކުގައި ފައިސާ އަތުލާ މައްސަލަތަކުން މީހުން ސަލާމަތްކުރުމަށް އެޅި ހަރުކަށި ފިޔަވަޅެކެވެ.

މި ހިދުމަތަކީ ކޮންމެ މީހެއްގެ ފޯނުގައި ވެސް އަމިއްލައަށް އެކްޓިވޭޓް ވާނެ ނިޒާމެކެވެ. މިހާރު ބޭނުންކުރަމުން އަންނަ "ޓްރޫކޯލާ" ފަދަ އެޕްލިކޭޝަންތަކާ ހިލާފަށް، މި ނިޒާމުގައި ނަން ދައްކާނީ އެހެން މީހުން އެ ނަމެއް ފޯނުގައި ސޭވްކޮށްފައިވާ ގޮތަށް ބަލައިގެން ދޭ މައުލޫމާތަކަށް ނޫނެވެ. އޭގެ ބަދަލުގައި ފޯނު ސްކްރީނަށް އަރާނީ، އެ ސިމް ކާޑެއް ގަންނައިރު ހުށަހަޅާ ރަސްމީ ކޭވައިސީ (ނޯ ޔޯ ކަސްޓަމާ) ޑޭޓާބޭސްގައި އޮންނަ، ސަރުކާރުން ގަބޫލުކުރާ އަސްލު ނަމެވެ.

ފޯނަށް ގުޅާ ނަންބަރަކީ ކޮންޓެކްޓް ލިސްޓުގައި ސޭވްކޮށްފައި އޮތް ނަންބަރެއް ނަމަ، ފެންނާނީ ފޯނުގައި ސޭވްކޮށްފައި އިން ނަމެވެ. ނަމަވެސް ސޭވްނުކުރާ ނަންބަރަކުން ގުޅައިފި ނަމަ، އެ ނަންބަރާ އެކު އޮޕަރޭޓަރުގެ ސިސްޓަމްގައި އޮތް، އެ ނަންބަރުގެ ވެރިފަރާތުގެ އަސްލު ނަން ސްކްރީނުން ފެންނާނެ އެވެ. އިންޑިއާއިން ބޭރުން (އިންޓަނޭޝަނަލް) ކޯލެއް އަންނަ ނަމަ، ސޭވްނުކުރާ ނަންބަރުތައް ފެންނަނީ "އިންޓަނޭޝަނަލް ކޯލް" އެއް ކަމަށެވެ.

ވިޔަފާރިތަކާއި ކުންފުނިތަކަށް ހާއްސަ ލުޔެއްގެ ގޮތުން، ޖީއެސްޓީ ނުވަތަ ޓްރޭޑްމާކް ވެރިފިކޭޝަން ހެދުމަށްފަހު އަމިއްލަ ކުންފުނީގެ ނަން ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ނިޒާމު ފުރަތަމަ މަޖުބޫރުވާނީ 4ޖީ އަދި 5ޖީ ނެޓްވޯކްތަކަށެވެ. އަދި 2ޖީ އާއި 3ޖީ ނެޓްވޯކްތަކަށް މި ބަދަލު ގެނައުމާ މެދު ފަހުން ގޮތެއް ނިންމާނެ އެވެ.

މި ނިޒާމާ އެކު އާންމުންގެ ޒާތީ މައުލޫމާތާއި ޕްރައިވެސީ ރައްކާތެރިކުރުމަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން، ގުޅާ މީހާގެ ނަން ސިސްޓަމުން ދެއްކި ނަމަވެސް، ފޯނު ކޯލް ކެނޑުމާ އެކު، ކޯލް ލިބުނު މީހާގެ ޓެލެކޮމް އޮޕަރޭޓަރަށް އެ ނަން ރައްކާކޮށްގެން ނުބޭލޭނެ ގޮތަށް "ސެކިއުރިޓީ-ބައި-ޑިޒައިން" އުސޫލުން ސިސްޓަމްތައް ބައްޓަންކުރަން ޖެހެ އެވެ. މީގެ އިތުރުން، ނަން ސިއްރުކުރަން ބޭނުންވާ މީހުންނަށް "ކޯލިން ލައިން އައިޑެންޓިފިކޭޝަން ރެސްޓްރިކްޝަން" (ސީއެލްއައިއާރު) ގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އިންޑިއާގެ ބޮޑެތި ޓެލެކޮމް ކުންފުނިތައް ކަމަށްވާ ރިލަޔަންސް ޖިއޯ، ބާރަތީ އެއާޓެލް އަދި ވޮޑަފޯން އައިޑިއާއިން މިހާރު ވަނީ މި ނިޒާމުގެ ޓެސްޓުތައް ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.