އޮންލައިން އިޝްތިހާރުތަކުގެ ބޮޑު ނެޓްވޯކެއް ބޭނުންކޮށްގެން، އިންޓަނެޓް ބޭނުންކުރާ މީހުންނަށް ފާރަލައި، ފޯނުތަކާއި ޑިވައިސްތައް ހެކް ކުރުމަށް އެހީތެރިވެދިން އިޒްރޭލުގެ ޑިޖިޓަލް އެޑްވަަޓައިޒިން އެޖެންސީއެއްގެ މައްސަލަ ފަޅާއަރައިފި އެވެ.

ސައިބާ ސެކިއުރިޓީ ދިރާސާކުރާ ކެނެޑާގެ ވޮޗްޑޮގް "ސިޓިޒަން ލެބް" އާއި ނިއު ޔޯކްގެ އެޑްވަަޓައިޒިން ސެކިއުރިޓީ ފާމް "ކޮންފިއަންޓް" އިން ނެރުނު ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން، "ޑިސްކަވަ-ޓެކް" ނަމަކަށް ކިޔާ މި ކުންފުނިން ހިންގި މި އޮޕަރޭޝަނަކީ މުޅި ދުނިޔޭގެ އެޑް-ޓެކް (އިޝްތިހާރުކުރުމުގެ ޓެކްނޮލޮޖީ) ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ. 

  • މި ޖާސޫސީ އިޝްތިހާރުތައް ހިމެނޭ ވެބްސައިޓަކަށް ނުވަތަ އެޕްލިކޭޝަނަކަށް ވަނުމުން، އޭގެ ޒާތުގައި އެ މީހަކު ޓްރެކް ކުރަން ފަށަ އެވެ. އިޝްތިހާރަށް ފިތާނުލިޔަސް މިކަން މިހެން ހިނގަ އެވެ.
  • އާދައިގެ ފޯނާއި އެއާބަޑްސް ފަދަ ތަކެތީގެ އިޝްތިހާރުގެ ނަމުގައި ހިންގި މި ހަރަކާތް 120,000 އަށް ވުރެ ގިނަ ވެބްސައިޓާއި 75,000 އެޕްލިކޭޝަނަށް ވަނީ ފެތުރިފަ އެވެ. އެ ކުންފުނިން ދުވާލަކު 10 މިލިއަނަށް ވުރެ ގިނަ އިޝްތިހާރު ދޫކުރަމުން ދިޔަ އެވެ.
  • މި ސިސްޓަމް މެދުވެރިކޮށް، ސްމާޓްފޯން ބޭނުންކުރާ މީހުންގެ ނަންބަރުތަކާއި، "ކުކީ މެޗިން" ބޭނުންކޮށްގެން، އެ މީހުން އިންޓަނެޓުގައި ކުރާ ހުރިހާ ކަމެއް ދެނެގަނެ އެވެ.
  • ގޫގުލް އަދި ޔަންޑެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ އެޑް ޕްލެޓްފޯމްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެމެރިކާ އިން ބްލެކްލިސްޓް ކޮށްފައިވާ އިޒްރޭލުގެ ސައިބާ ކުންފުންޏެއް ކަމަށްވާ "ކެންޑިރޫ" ގެ ޖާސޫސީ ސޮފްޓްވެއާ ޑިވައިސްތަކަށް ފޮނުވުމަށް މަގުފަހިކޮށްދިނެވެ.

މި އޮޕަރޭޝަނުގެ ޝިކާރައަކަށް ބައިނަލްއަގުވާމީ ބޮޑެތި އިދާރާތަކާއި ސަރުކާރުތައް ވެސް ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އދ، ނޭޓޯ، ޔޫރަޕިއަން ކޮމިޝަން އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ ޕެންޓަގަން އާއި، ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ އެންވީޑިއާ އަދި ބްރޯޑްކޮމްގެ ނެޓްވޯކްތަކަށް ވެސް މީގެ އަސަރު ކުރި އެވެ.

މި ރިޕޯޓްތަކާ ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ވަނީ ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެގޮތުން، ގޫގުލް އިން ވަނީ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ޑިސްކަވަ-ޓެކް އެ ކުންފުނީގެ އެޑް ޕްލެޓްފޯމްތަކުން ވަކިކޮށްފަ އެވެ. އަދި ޔޫރަޕްގެ ޑިޖިޓަލް މާކެޓިން އެސޯސިއޭޝަނުން ވެސް ވަނީ އެ ކުންފުނި ސަސްޕެންޑް ކޮށްފަ އެވެ.