އެހެން ގައުމަކުން އާ އައިފޯން ގަނެގެން އިންޑިއާއަށް އެތެރެކުރާ މީހުންގެ އަތުން ކަސްޓަމްސް ޑިއުޓީ ނަގާތީ އާންމުންގެ ޝަކުވާ ބޮޑުވެ މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

މި މައްސަލަ ބޮޑަށް ސަމާލުކަމަށް އައީ ކެރަލާގެ ނެދުންބައްސޭރީ (ކޮޗިން) އެއާޕޯޓުގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

އިންޑިއާގެ ކޮޒިކޯޑަށް ނިސްބަތްވާ އަޖަސް މުހައްމަދު ނަމަކަށް ކިޔާ މީހަކު ދުބާއީން އައިފޯން 18 ޕްރޯއެއް ގަނެގެން އެ އެއާޕޯޓުން އިންޑިއާއަށް އެތެރެވާން އައުމުން، ކަސްޓަމްސް އޮފިޝަލުން ވަނީ އެ ފޯނަށް ކަސްޓަމްސް ޑިއުޓީ ދެއްކުމަށް އަންގައިފަ އެވެ. ނަމަވެސް އެއީ އަމިއްލަ ބޭނުމަށް ގެނެސްފައިވާ ފޯނެއް ކަމަށް ބުނެ އަޖަސް ވަނީ އެއާޕޯޓުގައި އިހުތިޖާޖުކޮށް، ޓެކްސް ދައްކަން ދެކޮޅުހަދައިފަ އެވެ. މި ހާދިސާއާ ގުޅިގެން، ކަސްޓަމްސްގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާއާ ދެކޮޅަށް މައްސަލައެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ.

ކަސްޓަމްސް އޮފިޝަލުން ބުނި ގޮތުގައި، ޓެކްސް ނުދައްކައި އެތެރެކުރެވޭނީ 'ގޭޖް' ގަވާއިދުގެ ދަށުން، އަމިއްލަ ބޭނުމަށް ގެންގުޅޭ  (ޔޫޒްޑް) ތަކެއްޗެވެ. އަޖަސްގެ އަތުގައި އޭނާ ބޭނުންކުރާ އެހެން ފޯނެއް އޮތްއިރު، އަލަށް ގެނައި އައިފޯނަކީ މުޅިން އާ، ބަންދުކޮށްފައިވާ ފޯނެއްކަން އޮފިޝަލުން ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ކަސްޓަމްސް ގަވާއިދު ބުނަނީ ކީކޭ؟

  • ޑިއުޓީ-ފްރީ އެލަވަންސް: އިންޑިއާގެ "ބެގޭޖް ރޫލްސް 2026" އަށް އައިސްފައިވާ ބަދަލުތަކާ އެކު، އިންޑިއާގެ ރައްޔިތުންނަށް ނުވަތަ ޓޫރިސްޓުންނަސް އެއްފަހަރާ ގެންދެވޭ މުދަލުގެ ޖުމްލަ އަގު 75،000 އިންޑިއަން ރުޕީސް އަށް ވުރެ އިތުރުނުވާ ނަމަ ޑިއުޓީ ދައްކާކަށް ނުޖެހެ އެވެ. ނަމަވެސް މިއީ ވަކިވަކި ތަކެއްޗަށް ދޭ އިސްތިސްނާއެއް ނޫނެވެ.
  • އަމިއްލަ ބޭނުމަށް ގެންނަ ތަކެތި: ފޯނެއް ފޮށިން ކަނޑައި، ކުރިންސުރެ ބޭނުންކުރަމުންދާ އަމިއްލަ އެއްޗެއްގެ ގޮތުގައި އޮތް ނަމަ ޑިއުޓީން އިސްތިސްނާވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އަލަށް ގަނެގެން، ފޮއްޓާ އެކު ގެންނަ އަގުބޮޑު ފޯނުތަކަކީ ޑިއުޓީ ދައްކަންޖެހޭނެ ތަކެތި ކަމަށް ކަސްޓަމްސްއަށް ނިންމިދާނެ އެވެ.

ބޭރުން ފޯނު ގަންނަ މީހުން ސަމާލުވުމަށް ދޭ އިރުޝާދު:

  1. އިންވޮއިސް/ބިލް ރައްކާކުރުން: ފޯނު ގަތް އަގު ސާބިތުކޮށްދިނުމަށްޓަކައި ރަސީދު އަތުގައި ބޭއްވުން.
  2. ރެޑް ޗެނަލް ނުވަތަ ގްރީން ޗެނަލް: ޓެކްސް ދައްކަންޖެހޭ ފަދަ ނުވަތަ ޝައްކުކުރެވޭ ފަދަ މުދަލެއް ހުރި ނަމަ، ގްރީން ޗެނަލުން ދިއުމުގެ ބަދަލުގައި ރެޑް ޗެނަލް އިހްތިޔާރުކޮށް ކަސްޓަމްސްއަށް ރިޕޯޓްކުރުން.
  3. އަމިއްލަ ބޭނުމަށް ވިޔަސް ޑިއުޓީ ނަގާނެ ގަބޫލުކުރުން: ފޯނަކީ އަމިއްލަ ބޭނުމަށް ގެންނަ އެއްޗެއް ކަމަށް ބުންޏަސް، އެއީ އާ ފޯނެއް ނަމަ ކަސްޓަމްސްއިން ޑިއުޓީ ނެގުމުގެ އިހްތިޔާރު އޮންނާނެ އެވެ.