ބޮޑެތި މަހުޖަނުންގެ ހޭދަތަކާއި، ޕާޓީގެ އެތެރޭގެ ހިޔާނާތްތަކާއި އަދި ފަހު ވަގުތު ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްވެ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު އެމެރިކާގެ ސެނެޓްގެ މުހިންމު ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް މުސްލިމަކު ސެނެޓަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ. ރިޓަޔާ ކުރައްވާ ސެނެޓަރު ގެރީ ޕީޓާސްގެ ބަދަލުގައި، މިޝިގަންގެ ހުސްވެފައިވާ ސެނެޓް ގޮނޑި އަބްދުލް ކާމިޔާބު ކުރެއްވީ، ރިޕަބްލިކަން ކެންޑިޑޭޓް އަދި ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މައިކް ރޮޖާސްއާ ވާދަކޮށް، ގާތްގަނޑަކަށް ހަ ޕަސެންޓުގެ ބޮޑު ތަފާތަކުންނެވެ.

"މިޝިގަން، އަހަރެމެން ކާމިޔާބު ކޮށްފިން!" ޑެޓްރޮއިޓްގައި ހުންނަ އޭނާގެ ކެމްޕޭން ހެޑްކުއާޓާާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން އުމުރުން 42 އަހަރުގެ އަބްދުލް ވިދާޅުވި އެވެ.

މި އިންތިހާބުގައި އަބްދުލް އަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ކުރިމަތިވި ހުރަސްތަކެވެ. ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަދި އެ ބުރުން ބަލިވި ކޮންގްރެސްވުމަން ހެއިލީ ސްޓީވެންސްއަށް ޕާޓީގެ މައި ލީޑަޝިޕުންނާއި ބޭރުގެ ބޮޑެތި ޖަމިއްޔާތަކުން، ހާއްސަކޮށް އައިޕެކް ފަދަ ޖަމާއަތްތަކުން މިލިއަނުން ހަރަދުކޮށް، ސައީދު ހުއްޓުވަން މަސައްކަތް ކުރި އެވެ. މީގެ އިތުރުން، އިންތިހާބުގެ އެންމެ ފަހު ވަގުތު ހެއިލީ ސްޓީވެންސް ނުކުމެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކޮށް، ސައީދުގެ ކެމްޕޭނަށް ބޮޑު ލޮޅުމެއް އަރުވާލަން މަސައްކަތް ކުރި އެވެ.

ސެނެޓްގެ ގޮނޑި ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު އަދި އަނބިކަނބަލުން ޑރ. ސާރާ ޖުކާކޫ. -- ފޮޓޯ: އޭއެފްޕީ
ސެނެޓްގެ ގޮނޑި ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު އަދި އަނބިކަނބަލުން ޑރ. ސާރާ ޖުކާކޫ. -- ފޮޓޯ: އޭއެފްޕީ

އޭނާއާ ދެކޮޅަށް، ވާދަވެރިން 60 މިލިއަނާއި 70 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ހޭދައެއް ކޮށް، އޭނާއަކީ "ޓެރަރިސްޓެއް" ކަމަށާއި އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ހުތުރު ކެމްޕޭނެއް ހިންގި އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވެންސްގެ ފަރާތުން އިސްލާމޯފޯބިއާގެ ހަމަލާތަކާއި އޭނާގެ އަރަބި ނަމަށް މަލާމާތް ކުރިމަތިވި އެވެ.

ނަމަވެސް، މެޑިކަލް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި 1969 ގެ ފަހުން ސެނެޓަށް ހޮވުނު ފުރަތަމަ ޑިމޮކްރެޓިކް ޑޮކްޓަރު، އަބްދުލް ވަނީ އާންމު ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި ބޮޑު ތާއީދެއް ހޯއްދަވައިފަ އެވެ. އޭނާގެ ކާމިޔާބީއަށް ފަހު، ނައިބު ރައީސް ޖޭޑީ ވެންސަށްށް އިޝާރާތް ކުރައްވައި ވިދާޅުވީ، އަންނަ ޖެނުއަރީ މަހު، ގާނޫނީ ގޮތުން އޭނާ ސެނެޓަރުކަމުގެ ހުވާލައިދޭން ޖެހޭނީ ވެންސަށް ކަމަށެވެ.

އަބްދުލް ސެނެޓަށް ހޮވިވަޑައިގަތީ އެންމެންނަށް ސިއްހީ ފަރުވާ ހޯދައިދިނުމާއި، ބޭސްފަރުވާގެ ބޮޑެތި ބިލްތަކާއި ދަރަނިތައް އަދާކުރުމުގެ އިތުރުން ސިޔާސީ ދާއިރާއިން ފައިސާގެ ނުފޫޒު ނައްތާލުމަށް ވަކާލާތު ކުރައްވާ ޕްރޮގްރެސިވް ސިޔާސަތުތަކަކާ އެކުގަ އެވެ. އިންތިހާބުގެ ކާމިޔާބީއަށް ފަހު އަބްދުލް ވިދާޅުވީ، މިއީ ފައިސާގެ ބާރަށް ވުރެ ރައްޔިތުންގެ ބާރު ގަދަކަން ސާބިތުކޮށްދިން ކާމިޔާބީއެއް ކަމަށެވެ.