އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ އަސްލަކީ އިރާނާ އެކު ކުރަމުންދާ ހަނގުރާމަ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވެންސް ވިދާޅުވީ، ރިޕަބްލިކަން ޕާޓީން ބަލިވާން މެދުވެރިވީ ހަނގުރާމައިގެ ސަބަބުން ކަމަށާއި، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގަބޫލުކުރައްވާ ކަމަށެވެ. ވެންސް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ޓްރަމްޕަށް ވޯޓު ދިން ގިނަ ބަޔަކު މިފަހަރު ޑިމޮކްރެޓުންނަށް ވޯޓު ދިނީ ހަނގުރާމަ ހުއްޓާލުމަށާއި، ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އަދި އެމެރިކާއިން އިޒްރޭލާ އެކު ބާއްވާ ގުޅުން ބަދަލުކުރުމަށް ވެސް، ވޯޓުލީ މީހުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ނަތީޖާތަކުން ދައްކާގޮތުގައި، ޑިމޮކްރެޓިކް ޕާޓީން ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. މިހާތަނަށް ޑިމޮކްރެޓުން 237 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ އެންމެ 147 ގޮނޑިއެވެ. މީގެ އިތުރުން ސެނެޓުގެ އަޣުލަބިއްޔަތު ވެސް ޑިމޮކްރެޓުން ވަނީ ހޯދައިފަ އެވެ.
މި އިންތިހާބުގައި މިޝިގަންގެ ސެނެޓް ގޮނޑި ކާމިޔާބުކުރި އަބްދުލް އެލް-ސައްޔިދު ވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީހުގައި ސެނެޓަށް ހޮވުނު ފުރަތަމަ މުސްލިމް މެންބަރަށެވެ. އަދި ފާއިތުވި 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސައުތު ކެރޮލައިނާގެ ސެނެޓް ގޮނޑިއެއް ވެސް ޑިމޮކްރެޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު، އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ އެމެރިކާ މީހުން ޓްރަމްޕްގެ ސަރުކާރަށް ދިނީ "ހަނގުރާމައަށް ނޫނެކޭ" ބުނުމުގެ ވަރުގަދަ މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ. އިރާނުން ބުނި ގޮތުގައި އެމެރިކާގެ ރައްޔިތުން ވަނީ ރިޕަބްލިކަން ޕާޓީ އެއްކޮށް ފޮހެލައި، ޓްރަމްޕް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ.
މި ބައްޔާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އިގްތިސާދަށް އޭގެ އަސަރުކުރި ކަމަށެވެ. ނަމަވެސް، ހަނގުރާމަ ފެއްޓެވި ސަބަބުތަކާ މެދު އެއްވެސް ހިތާމައެއް ނެތް ކަމަށާއި، އަލުން ކުރަން ޖެހުނަސް ނިންމަވާނީ ހަމަ އެގޮތަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 2028 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ވިސްނުން ހުންނެވި ވެންސް، މިފަދަ ބަޔާނެއް މި ދަނޑިވަޅުގައި ނެރުއްވީ އާންމުންގެ މެދުގައި މަގްބޫލުކަން ކުޑަ މި ހަނގުރާމައިގެ ޒިންމާއިން ރެކިވަޑައިގަތުމަށެވެ.