ގުދުސް (ނޮވެމްބަރު 9) - އިޒްރޭލުގެ އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓަށް ރައީސް އިސާކް ހާޒޮގް ހޯމަ ދުވަހު ދީފައި ވަނިކޮށް، ވެރިކަމުގައި ދެމިހުރުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އަނެއްކާވެސް ގޮވާލައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނީ، އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުން މި ވަގުތަށް ކޮންމެހެން ބޭނުންތެރި ކަމަށެވެ. އެ ވީޑިއޯގައި، ސަރުކާރު އުފެއްދުމުގެ ފުރަތަމަ ފުރުސަތު އައިޒެންކޮޓަށް ރައީސް ހާޒޮގް ރަސްމީކޮށް ދީފައިވިޔަސް އެކަމަށް ނަތަންޔާހޫ އެއްވެސް ވަރަކަށް އިޝާރާތެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އިޒްރޭލުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބުގައި 61 ގޮނޑީގެ އަޣުލަބިއްޔަތު ހޯދުމަށް އައިޒެންކޮޓްގެ އިދިކޮޅު އިއްތިހާދަށް ލިބުނީ 48 ގޮނޑި އެވެ. ނަތަންޔާހޫގެ އިއްތިހާދަށް 53 ގޮނޑި ލިބުނު ނަމަވެސް، ސަރުކާރު އުފެއްދުމުގެ ފުރުސަތު އައިޒެންކޮޓަށް ލިބުނީ ރައީސް ހާޒޮގް ސިޔާސީ ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތަކުގައި އެންމެ ގިނަ ޕާޓީތަކުން އޭނާއަށް ތާއީދުކުރުމުންނެވެ.
އައިޒެންކޮޓަށް ސަރުކާރު އެކުލަވާލެވޭނީ، ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން އަރަބި ދަރިކޮޅުގެ މީހުންނާ މެދު ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ނުކުމެ، ރެކޯޑު އަދަދެއް ކަމަށްވާ 19 ގޮނޑި ކާމިޔާބުކުރި އަރަބި ޕާޓީތަކުގެ އެހީތެރިކަމާ އެކުގަ އެވެ.
ނަތަންޔާހޫގެ ވީޑިއޯ މެސެޖުގައި ވަނީ ކުރިމަގުގައި އުފެދޭ ސަރުކާރެއްގައި އިޒްރޭލުގެ އަރަބި ރައްޔިތުން ބައިވެރިކުރުމަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެކަމާ މެދު އާންމުންނަށް އިންޒާރު ދީފަ އެވެ.
"ހަމާސްއަށް ތާއީދުކުރާ ބަޔަކާ އެކު، ނުވަތަ ހަމާސްއަށް ތާއީދުކުރާ ބައެއްގެ މައްޗަށް ބަރޯސާވާ ސަރުކާރެއް ނުއުފެއްދޭނެ،" އަރަބި ޕާޓީތަކާ ދެކޮޅަށް އާންމުކޮށް ބޭނުންކުރާ ބިރުދެއްކުމުގެ އުކުޅު ތަކުރާރުކުރަމުން ނަތަންޔާހޫ ބުންޏެވެ.
އަރަބި ޕާޓީތަކުން އިންތިހާބުގައި މަކަރުހެދި ކަމަށް ވެސް، އެއްވެސް ހެއްކެއް ނެތި ނަތަންޔާހޫ ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ސަރުކާރުގައި އަރަބި ޕާޓީތައް ބައިވެރިކުރުމާ މެދު އިދިކޮޅު އިއްތިހާދުގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ސަރުކާރުގައި ބައިވެރިނުވެ، މަޖިލީހުން އައިޒެންކޮޓަށް ރުހުން ދޭން އަރަބި ޕާޓީތަކުން ވޯޓު ދިން ނަމަވެސް، އޭރުން އުފެދޭނީ ވަރަށް ބަލިކަށި ސަރުކާރެކެވެ. ނަތަންޔާހޫ ބުނީ އޭނާގެ ލިކޫޑް ޕާޓީ އިސްވެ އޮވެ އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ހިމެނެން ޖެހޭނީ ޒަޔަނިސްޓް ޕާޓީތަކާއި ހަރުކަށި ޔަހޫދީ (އަލްޓްރާ އޯތޮޑޮކްސް) ޕާޓީތައް އެކަނި ކަމަށެވެ.
ނަތަންޔާހޫއަށް ފާޑުކިޔާ ކަނާތުފިޔައިގެ ސިޔާސީ ލީޑަރެއް ކަމަށްވާ އަވިގްޑޯ ލިބަމަން ވެސް ވަނީ އަރަބި ޕާޓީތަކާ އެކު އެއްވެސް ގުޅުމެއް ބޭއްވުމާ ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރަނީ އަލްޓްރާ އޯތޮޑޮކްސް ޕާޓީތައް އިއްތިހާދަށް ގެނައުމަށެވެ. އެއީ އަސްކަރީ ހިދުމަތުން އެ ޖަމާއަތުގެ ޒުވާނުން އިސްތިސްނާކުރާ މައްސަލާގައި ލިބަމަން މީގެ ކުރިން އެ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.
ލިބަމަން އިއްޔެ ވަނީ އައިޒެންކޮޓާ ބައްދަލުކޮށް، އެކުގައި ތިބިކަން ހާމަކޮށްފަ އެވެ. ލިބަމަންގެ ޔަޝާރު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ހަތަރު އަހަރުގެ ފުރިހަމަ ދައުރަކަށް ދެމިއޮންނާނެ ހަރުދަނާ ސަރުކާރެއް އުފެއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެ ލީޑަރުންނަށް ވެސް އެބައޮތް ކަމަށެވެ.
އައިޒެންކޮޓާއި ނަތަންޔާހޫ ވެސް ވަނީ އެއްބަޔަކު އަނެއް ބަޔަކާ އެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ހުށަހަޅައިފަ އެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ޝަރުތުކުރަނީ ސަރުކާރުގެ ވެރިއަކަށް ހުންނަން ޖެހޭނީ އެ މީހަކު ކަމަށެވެ.
އައިޒެންކޮޓް މީގެ ކުރިން ބުނެފައި ވަނީ ނަތަންޔާހޫއަކީ އިޒްރޭލުގެ ވެރިކަން ކުރުމަށް ނާގާބިލު، ނުރައްކާތެރި މީހެއް ކަމަށެވެ. އަދި އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާ ހުއްޓުވުމުގައި ނާކާމިޔާބުވުމާއި، ގައުމު ބައިބައިކުރުމުގެ އިތުރުން، ވެރިކަން ގެއްލިއްޖެ ނަމަ ޖަލަށް ލެވިދާނެ ފަދަ ކޮރަޕްޝަންގެ ދައުވާތަކެއް ނަތަންޔާހޫގެ މައްޗަށް އުފުލިފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. -- އޭއެފްޕީ