އެމެރިކާގެ މިޑްޓާމް އިންތިހާބުގައި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މައިގަނޑު އެއް ސަބަބަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި އިޒްރޭލާ މެދު އޮތް "ބޮޑު ނުރުހުން" ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ގެއްލުނީ އިޒްރޭލާ މެދު އާންމުން ހިތްހަމަނުޖެހުމުގެ އިތުރުން އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުންގެ މެދުގައި އިޒްރޭލާ މެދު ވަރަށް ބޮޑު ނުރުހުމެއް އެބައޮތެވެ. އަދި އިޒްރޭލަށް އެމެރިކާއިން ދެމުންދާ އަސްކަރީ އަދި މާލީ އެހީތެރިކަމަކީ ކެމްޕޭނުގައި ޕާޓީއަށް ގެއްލުންވި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ މެދު އާންމުންގެ ނުރުހުން އޮތް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެ ނިންމުން ނިންމެވީ ރަނގަޅަށް ކަމަށާއި، އަލުން ފުރުސަތު ލިބުނަސް އެގޮތަށް އަމަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ރައްޔިތުން ކުރި އިތުބާރު ކުޑަވި ކަމެއްގެ ގޮތުގައި ޓްރަމްޕް އެއްބަސްވެ ވަޑައިގަތެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ އިންތިހާބުން ބަލިވީ އީރާނު ހަނގުރާމަ އާއި އިޒްރޭލާ އޮންނަ ގުޅުމުގެ ސަބަބުން ރައްޔިތުން ހިތްހަމަނުޖެހިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އިޒްރޭލަށް އެމެރިކާއިން ދޭ އެއްބާރުލުމާ މެދު ރިޕަބްލިކަން ޕާޓީން އަލުން ވިސްނަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ނާކާމިޔާބީއަށް ފަހު، އިޒްރޭލަށް އެމެރިކާއިން ކޮންމެ އަހަރަކު ދެމުން އަންނަ ހަތަރު ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހުއްޓާލުމާ މެދު ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި އީރާނު ހަނގުރާމައިގެ ހަރަދުތަކުގައި އިޒްރޭލާއި އެހެން ގައުމުތަކުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމެރިކާގެ މި ނަތީޖާގެ ސަބަބުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މިދިޔަ މަހު އިޒްރޭލުގައި ބޭއްވި އާންމު އިންތިހާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ލިބިފައި ނުވާއިރު، އެމެރިކާގެ ސިޔާސަތަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިޒްރޭލަށް ލިބޭ ހަތިޔާރާއި ޑިޕްލޮމެޓިކް އެހީތެރިކަމަށް އަސަރުކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.