ސައޫދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ހިންގުމަށް އެމެރިކާއާ އެކު ހަދާ އެއްބަސްވުން ކުރިއަށްދާނީ ސައޫދީން އިޒްރޭލު ގަބޫލުކުރުމާ ގުޅުވައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
އަރަބި އިސްލާމީ ގައުމުތަކުން އިޒްރޭލު ބަލައިގަނެ، ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން ޓްރަމްޕު އެކުލަވާލާފައިވާ "އަބަރަހަމް އެކޯޑްސް" ގައި ސައޫދީން ސޮއިކުރުމަކީ އެމެރިކާއިން އަބަދުވެސް އެދެމުން އަންނަ ކަމެކެވެ. ނަމަވެސް ސައޫދީން އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ.
ޓްރަމްޕު މި ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާ އާއި އީރާނާ ދެމެދު އަލުން ހަނގުރާމަ ވަރުގަދަވެ މެދުއިރުމަތީގެ މަސްރަހް އިތުރަށް ގޯސްވެފައި ވަނިކޮށެވެ.
ޓްރަމްޕުގެ އިތުރުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް މި މައުޟޫގައި ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ، މުސްލިމުންގެ އެންމެ މުގައްދަސް ބިން ނިސްބަތްވާ ސައޫދީ އަރަބިއްޔާއިން އިޒްރޭލު ގަބޫލުކުރުމަކީ މެދުއިރުމަތީގެ ސުލްހައަށް ލިބޭ "ތާރީހީ ބޮޑު ކުރިއެރުމެއް" ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމަށް އެމެރިކާއިން ކުރަމުންދާ ޑިމާންޑަށް ދެކޮޅުހަދައި، ސައޫދީން ބުނަމުން އަންނަނީ އޭގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވާން ޖެހޭނެ ކަމަށެވެ.
ސައޫދީގައި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ގާއިމުކުރުމަށް ބުދަ ދުވަހު އިއުލާންކުރި އެއްބަސްވުމަށް "ރުހުން ލިބޭނެ، ނަމަވެސް އެކަން މުޅިންވެސް ގުޅިފައިވަނީ، ވަރަށް އިހްތިރާމް ލިބިގެންވާ އަދި ކާމިޔާބު އަބްރަހަމް އެކޯޑްސްގައި ސައޫދީ އަރަބިއްޔާ ބައިވެރިވުމާ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި އެއްބަސްވުން ކުރިއަށް ގޮސްފި ނަމަ، އެމެރިކާގެ ކުންފުނިތަކަށް ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ އެވެ. އަދި މިއީ އިގްތިސާދީ އަދި ހާރިޖީ ގޮތުން ސައޫދީ އަރަބިއްޔާއަށް ވެސް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.
ނަމަވެސް، ޓްރަމްޕްގެ މި ފަހުގެ އިއުލާނާ އެކު، މި އެއްބަސްވުމުގައި އަމަލީ ސިފަ ޖެހިދާނެކަމާ މެދު މިހާތަނަށް ވަނީ ސުވާލު އުފެދިފަ އެވެ.
ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓް ފޯ ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ސީނިއާ އެސޯސިއޭޓް ފެލޯ އެޗް.އޭ. ހެލިއާ ވިދާޅުވީ، އެމެރިކާއިން ސައޫދީއަށް މަޖުބޫރުކޮށްގެން ގުޅުން ގާއިމުކުރުވަން އުޅެފިނަމަ "އެކަން މާ ރަނގަޅަކަށް ނުދާނެ" ކަމަށެވެ.
"ވޭތުވެދިޔަ ތިން އަހަރު، ނުވަތަ 30 އަހަރު ދައްކަމުން އައި ވާހަކަތައް ސައޫދީން މުޅިން 180 ޑިގްރީއަށް ބަދަލުކޮށްފާނެބާ؟ އެއީ ވަރަށް ނާދިރު ކަމެއް،" އޭއެފްޕީއަށް އޭނާ ވިދާޅުވި އެވެ.
ޔޫރޭނިއަމް މުއްސަނދިކުރުން
އަދި ތަފްސީލްތައް ހާމަކޮށްފައި ނުވާ މި އެއްބަސްވުން ކުރިއަށް ދިޔަ ކަމުގައި ވިޔަސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ހަނގުރާމައިގެ ތެރޭގައި އޮތް މި ސަރަހައްދުގައި ނިއުކްލިއާ ވާދަވެރިކަމެއް އުފެދިގެންދާނެ ކަމަކަށް ވެދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކުންފުނިތަކުން ސައޫދީ އަރަބިއްޔާގައި ޔޫރޭނިއަމް މުއްސަނދިކުރާ ފެސިލިޓީއެއް ބިނާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވެ އެވެ.
އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން މިފަދަ މާއްދާއެއްގެ ވާހަކަ ފާހަގަކޮށްފައި ނުވިޔަސް، އޭއެފްޕީން ސުވާލުކުރުމުން މިކަމުގައި ވަކި ޖަވާބެއް ނުދިނެވެ. ނަމަވެސް ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕޯސްޓުގައި އިތުރަށް ވިދާޅުވީ "ޔޫރޭނިއަމް މުއްސަނދިކުރުމުގެ އެއްވެސް ކަމެއް ނޯންނާނެ!" ކަމަށެވެ.
މި އެއްބަސްވުން ދިރާސާކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅާނެ އެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ޕާޓީގެ މެންބަރުންނާއި އިޒްރޭލުގެ މަސްއޫލުވެރިން މީގެ ކުރިން ވަނީ ސައޫދީ އަރަބިއްޔާއިން މިފަދަ ޕްރޮގްރާމެއް ފަހުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބަދަލުކޮށްފާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ މިފަދަ މަޝްރޫއަކާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ "ދުނިޔޭގެ އެއްވެސް ގައުމަކާ އެކު މަދަނީ ނިއުކްލިއާ އެނާޖީގެ އެއްބަސްވުމެއް ހަދާއިރު، އެކަން ހަތިޔާރު އުފައްދާ ޕްރޮގްރާމަކަށް ބަދަލުނުކުރެވޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ" ކަމަށެވެ.
އީރާނެކޭ އެއްފަދައިން، ސައޫދީން ވެސް އަންނަނީ މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ހިންގުމުގެ ހައްގު އެގައުމަށް އޮތްކަމަށް ބުނަމުންނެވެ. އަދި މިދިޔަ އަހަރު ސައޫދީން ވަނީ ނިއުކްލިއާ ބާރެއް ކަމަށްވާ ޕާކިސްތާނާ އެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.