ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެންމެ ފަހުން ހުށަހެޅި ކަންތައްތައް އެމެރިކާއިން ގަބޫލުކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އެމެރިކާއަށް އޮތީ މި ހަނގުރާމާގައި ފެއިލްވުން ކަމަށް، ސުލްހައިގެ ވާހަކަތަކުގައި އީރާނުން އިސްކޮށް ހުންނަވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެ އެވެ.
މީގެ ދެ މަހަށްވުރެ ކުރިން އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފަ އެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައި، މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.
ދެ ފަރާތުން ވެސް ދޫދިނުމަށް ދެކޮޅު ހަދަމުންދާއިރު، އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންދެ އެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ފުރިހަމަ ހަނގުރާމައަކަށް އެނބުރި ދާން ބޭނުންވާ ކަމަކަށް ނުފެނެ އެވެ.
"ސާދަ ނުކުތާގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ އިރާންގެ ރައްޔިތުންގެ ހައްގުތައް ގަބޫލުކުރުން ފިޔަވައި އެހެން ގޮތެއް ނެތް. އެ ނޫން ކޮންމެ ގޮތަކުން ލިބޭނީ ނާކާމިޔާބީއެއް؛ އެއް ނާކާމިޔާބީއަށްފަހު އަނެއް ނާކާމިޔާބީ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވި އެވެ.
"މިކަން ދިގުދަންމަން އެ މީހުން މަސައްކަތް ކުރާ ވަރަކަށް، އެމެރިކާގެ ޓެކްސް ދައްކާ މީހުންނަށް އޭގެ އަގު ދައްކަންޖެހޭ މިންވަރު އިތުރުވާނެ."
އިރާނުން މި ހުށަހެޅުން ފޮނުވާފައިވަނީ މީގެ ކުރިން އެމެރިކާއިން ހުށަހެޅި ޕްލޭނަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ޕްލޭނާ ބެހޭ ތަފްސީލުތައް އަދިވެސް ހާމައެއް ނުކުރެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން ހުށަހެޅީ ހަނގުރާމަ ހުއްޓާލުމަށާއި، އިރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދައްކާނެ އޮނިގަނޑެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ އެއް ސަފުހާގެ ފަހުމުނާމާއެކެވެ.
އިރާންގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ ރައްދުގައި ގޮވާލާފައިވަނީ ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުމަށާއި، އިރާންގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް އުވާލުމަށެވެ. އަދި ދިގު މުއްދަތުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އިރާންގެ ފައިސާތައް ދޫކޮށްލުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
ނަމަވެސް ޓްރަމްޕް ވަނީ އިރާންގެ ހުށަހެޅުމަކީ "ބަލައިގަނެވޭނެ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމެރިކާއަށް އިރާންގެ މައްޗަށް "ފުރިހަމަ ކާމިޔާބީއެއް" ލިބޭނެ ކަމަށާއި، އެއް މަސް ދުވަހަށް ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ މެދުކެނޑިފައިވާ މި ވަގުތު އިރާންގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ "އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ ހަމަލާތަކާ ކުރިމަތިލުމަށް ހަނގުރާމައިގެ ގާބިލްކަން އިތުރުކުރުމުގެ" ތަމްރީނުތަކެއް ތެހެރާންގައި ބާއްވާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
މި ބަހުގެ ހަމަލާތަކުގެ ސަބަބުން، ކުރިއަށް އޮތް މަސްތަކުގައި ވާނެ ގޮތެއް ނޭނގޭތީ އިރާންގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.