ސުލްހައިގެ މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، އީރާނާ އާއި އެމެރިކާއިން ހަމަލާބަދަލުކުރުން ހުއްޓާލައިގެން ތިބެން އެއްބަސްވި ދެ ހަފްތާގެ މުއްދަތު ހަމަވުމުން އެ ވަގުތު މުއްދަތެއް ނެތް ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އިތުރުކުރައްވައިފި އެވެ.

ހަމަލާ ނުދީ ތިބުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެގެން ދިޔަ ފަހުން އީރާނުން ވެސް ހަމަލާއެއް ދީފައެއް ނުވެ އެވެ. 

ޓްރަމްޕު ވިދާޅުވީ މިގޮތަށް ނިންމެވީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އެދުމަށް އިޖާބަ ދިނުމަށާއި އީރާނުގެ "ބައިބައިވެފައިވާ" ލީޑަޝިޕުން އާ ހުށަހެޅުމެއް ތައްޔާރުކުރުމަށް ވަގުތު ދިނުމަށް ކަމަށެވެ.  ނަމަވެސް، އީރާނުން އެންމެ ބޮޑަށް ދެކޮޅުހަދާ ކަންތައް ކަމަށްވާ، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން އަދިވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ހަމަވުމުން އިތުރު ވަގުތު ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން ބޮން އަޅަން ފަށާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. 

"އަޅުގަނޑު ވާނީ... [ބަނދަރުތައް] ބަންދުކޮށްފައިވާ ބަންދުކުރުން ކުރިއަށް ގެންދިއުމަށާއި، އެހެން ހުރިހާ ގޮތަކުން ތައްޔާރީ ހާލަތުގައި ތިބުމަށް އަހަރެމެންގެ އަސްކަރިއްޔާއަށް އަމުރުކޮށްފައި، އެހެންކަމުން އެމީހުންގެ [އީރާންގެ] ހުށަހެޅުން ލިބެންދެން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަހަރެން އިތުރުކުރާނަން،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ޓްރަމްޕްގެ އެންމެ ފަހު ވަގުތުގެ މި ނިންމެވުމުގެ ކުރިން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މުއްދަތު ހަމަވާނީ ސީދާ ކޮން ވަގުތަކުކަން އޮތީ ސާފު ނުވެ އެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އެ މުއްދަތު ހަމަވާނީ އަންގާރަ ދުވަހުގެ ރޭ ޖީއެމްޓީ އިން 11:50 ގަ އެވެ.

މި ވަގުތު ފާއިތުވެގެން ދިޔައިރު، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޖީއެމްޓީ އިން މެންދަމު 12:00 ގައި ނިމުމަކަށް އަންނާނެ ކަމަށް ބުނި އީރާނުގެ ފަރާތުން އަސްކަރީ އެއްވެސް އާ ހަރަކާތެއް ހިންގި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

ޓްރަމްޕްގެ މި ނިންމުމާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. 

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފަ އެވެ. އީރާނުން ރައްދުގައި ދިން ހަމަލާތައް ގަލްފުގެ އެކި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެއާޕޯޓްތަކާއި ތެޔޮ ކާރުހާނާތަކަށް އަމާޒުކުރުމާ އެކު ތެލުގެ އަގު އުފުލި ދަތުރުފަތުރަށް ބުރޫއަރައި މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.