އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުން އެމެރިކާއާ ވާހަކަ ދެއްކުން ހުއްޓާލައި ސުލްހައިގެ މަޝްވާރާތައް މެދު ކަނޑާލާފައިވާ ކަމަށް ބުނާ ޚަބަރުތަކަކީ ދޮގު ކަމަށާއި އެމެރިކާ އާއި އީރާނާ ދެމެދު "މެދުކެނޑުމެއްނެތި" ވާހަކަދެކެވެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ހުއްޓުވުމަށް ހަފުތާތަކެއް ވަންދެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެކެވުނު ވާހަކަތަކުން އެދެވޭ ނަތީޖާއެއް އަދި ނުނިކުމެ އެވެ.
ޓްރަމްޕު ވިދާޅުވީ މި މަޝްވަރާތަކުން ނުކުންނާނެ ނަތީޖާއެއް "އެއްވެސް މީހަކަށް ނޭނގޭނެ" ކަމަށެވެ.
"އީރާނާއި އެމެރިކާއާ ދެމެދު ދެކެވެމުންދިޔަ ވާހަކަތައް މީގެ ކުޑަދުވަސްކޮޅެއް ކުރިން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ފޭކް ނިއުސް ރިޕޯޓްތަކަކީ ކުށް މައުލޫމާތުތަކެއް،" ޓްރަމްޕްގެ "ޓްރުތު ސޯޝަލް" ނެޓްވޯކްގައި ވިދާޅުވެފައިވެ އެވެ.
"އަހަރެމެންގެ ދެމެދުގައި އޮތް މުއާމަލާތްތައް މެދުކެނޑުމެއްނެތި ދަނީ ކުރިއަށް. އޭގެ ތެރޭގައި މީގެ ހަތަރު ދުވަސް ކުރިން، ތިން ދުވަސް ކުރިން، ދެ ދުވަސް ކުރިން، އިއްޔެ، އަދި މިއަދުވެސް ވާހަކަދެކެވުނު."
ޓްރަމްޕް ވިދާޅުވ "މިކަމުން ނުކުންނާނީ ކޮން ނަތީޖާއެއްކަމެއް އެއްވެސް މީހަކަށް ނޭނގޭ" ކަމަށެވެ.
"...އެކަމަކު އަހަރެން އީރާނަށް ބުނިން، 'މިއީ ކޮންމެވެސް އެއްގޮތަކުން އެ މީހުން އެއްބަސްވުމަކަށް އަންނަންވީ ވަގުތު ކަމަށް. އީރާނުން ތިކަން ކުރަމުންތާ 47 އަހަރުވެއްޖެ، އަދި އެކަން އެގޮތަށް ކުރިއަށްދިޔުމުގެ ފުރުސަތެއް ދެން ނުދެވޭނެ!"