އިޒްރޭލާއި ލުބުނާނާ ދެމެދު އޮތް، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން އިތުރު ތިން ހަފުތާއަށް ދަންމާލައިފިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާނުކުރައްވައިފި އެވެ. ރައީސް ޓްރަމްޕް ވަނީ ވަރަށް އަވަހަށް ތާރީހީ ބައްދަލުވުމެއް ބާއްވައި، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އީރާނާ އެކު ކުރިއަށްދާ މަޝްވަރާތައް ހުއްޓިފައިވީ ނަމަވެސް، ލުބުނާނުގެ ސުލްހައާ މެދު ޓްރަމްޕް ވާހަކަދެއްކެވީ ވަރަށް އުންމީދީ ގޮތަކަށެވެ. ނަމަވެސް ހަމަ އެވަގުތު ވެސް ހިޒްބުالله އިން ދިޔައީ އިޒްރޭލުގެ ހަމަލާތަކަށް ރައްދުދީ ރޮކެޓް ފޮނުވަމުންނެވެ.

"އަހަރެން ގަބޫލުކުރަނީ ސުލްހަވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށް. މިއީ ވަރަށް ފަސޭހަ ކަމަކަށް ވާނެ ކަމަށް އަހަރެން ދެކެން،" ވައިޓް ހައުސްގައި އިޒްރޭލާއި ލުބްނާނުގެ ސަފީރުންނާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އިޒްރޭލާއި ލުބްނާނާ ދެމެދު ރަސްމީ ސިޔާސީ ގުޅުމެއް ނޯވެ އެވެ.

އޭޕްރީލް 14 ގައި ފެށި މި ސުލްހައިގެ އެއްބަސްވުން އަންނަ އާދިއްތަ ދުވަހަށް ހަމަވާން އޮތް ނަމަވެސް، މިހާރު ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައުން ވައިޓް ހައުސްގައި، ސީދާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ލުބުނާނުގެ ރައީސް އައުން މީގެ ކުރިން ވަނީ ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ ދޮގުކުރައްވައިފަ އެވެ. ލުބުނާނުގެ އޮފިޝަލުން ކުރިން އެދިފައިވަނީ އެއް މަސްދުވަހުގެ ސުލްހައަކަށެވެ. ރައީސް އައުން ވިދާޅުވީ، ސުލްހައިގެ ތެރޭގައި ގެދޮރު ހަލާކުކުރުމާއި، އާންމުންނަށާއި، ނޫސްވެރިންނަށާއި، ސިއްހީ އަދި ތައުލީމީ ދާއިރާއަށް ހަމަލާދިނުން ހުއްޓާލަންޖެހޭނެ ކަމަށެވެ.

ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު ހަނގުރާމައިގައި، އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި 2،450 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އެމެރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ޔެޗިއެލް ލެއިޓާ ބުނީ، އިޒްރޭލުގެ ބޭނުމަކީ ލުބުނާނުގެ ސަރުކާރާއެކު ސުލްހަވެ، ހިޒްބުالله ގެ ނުފޫޒު ކަނޑުވާލުން ކަމަށެވެ.

އިޒްރޭލާއި ލުބްނާނާ ދެމެދު މިހާ ސީދާކޮށް މަޝްވަރާ މިކުރެވެނީ 1993 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.