އެމެރިކާ އިން އިޒްރޭލާ އެކު ވެފައިވާ 10 އަހަރުގެ ސަލާމަތީ އެހީގެ އެއްބަސްވުން އުވާލައި، ކޮންމެ އަހަރަކު ދެމުން އަންނަ 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހުއްޓާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މި އެހީ އަކީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2016 ވަނަ އަހަރު ސޮއިކޮށް، 2019 އިން ފެށިގެން 2028 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައި އޮތް އެއްބަސްވުމެކެވެ.
އެމެރިކާގެ ކަރަންޓް އެފެއާޒް ޝޯ "ފޮކްސް އެންޑް ފްރެންޑްސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެހީ ކަނޑާލަން ނިންމީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، މި ނިންމުމަށް އިޒްރޭލުން ވެސް އިއުތިރާޒު ނުކުރާ ކަމަށެވެ.
"އިޒްރޭލަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާ. އެހެން އެއްވެސް ގައުމަކަށް ނުދޭ ވަރަށް އަހަރެމެން އެ އިޒްރޭލަށް އެހީވިން. އެކަމަކު މިހާރު އިޒްރޭލަށް މި އެހީއެއް ބޭނުމެއް ނުވޭ،" ޓްރަމްޕް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިޒްރޭލަށް ހަގީގަތުގައި ވެސް އެހީއެއް ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި ފަހުން މިހާތަނަށް އެމެރިކާއިން ވަނީ އިޒްރޭލަށް މާލީ އަދި އަސްކަރީ އެހީގެ ގޮތުގައި 300 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފަ އެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް އެމެރިކާއިން މިހާތަނަށް ފޯރުކޮށްދީފައި ނުވާ ވަރުގެ ބޮޑު އެހީއެކެވެ.
އެމެރިކާގެ އެހީއަށް ބަރޯސާވުން ހުއްޓާލުމަކީ ނަތަންޔާހޫ ވެސް ކުރިން ބޭނުންވި ގޮތެކެވެ. މިއަހަރުގެ ޖެނުއަރީ މަހު "ދަ އިކޮނޮމިސްޓް" އަށް ދިން އިންޓަވިއުއެއްގައި، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވާން އުއްމީދުކުރާ ކަމަށް ނަތަންޔާހޫ ބުނެފައިވެ އެވެ. އަދި މެއި މަހު ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ އެހީ "ސުމަކަށް" އަށް ތިރިކުރަން ބޭނުންވާ ކަމަށާއި، ޖޫން މަހު ވަނީ އިޒްރޭލުގެ އަސްކަރިއްޔާގެ އަމިއްލަވަންތަކަން އިތުރުކުރަންޖެހޭ ކަމަށް ބުނެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް ޑިމޮކްރެޓުންގެ ވާތު ފިޔައިގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު ފަދަ ބޭފުޅުން އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކަމުން ދިއުމެވެ.
"އިޒްރޭލަށް މި އެހީ ބޭނުން ނުވާއިރު، އަލް-ސައީދު ފަދަ 'މޮޔައިންގެ' ފާޑުކިޔުންތައް އަހަރެމެން ތަހައްމަލު ކުރަންވީ ކީއްވެ؟" ޓްރަމްޕް ވިދާޅުވި އެވެ.