އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ސޯނިއާ ގާންދީގެ ހަޔާތުގެ ތަޖުރިބާތަކާއި، ލޯތްބާއި، ކުރިމަތިވެވަޑައިގަތް ހިތާމަވެރި ހާދިސާތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތް "ބިލޯންގިން: އަ ޖާނީ އޮފް ލަވް" މިއަދު ނެރެފި އެވެ.
އުމުރުން 79 އަހަރުގެ ސޯނިއާގެ މި ފޮތް ނެރުއްވާފައި މި ވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ޒުވާނުން އިސްވެ ތިބެ ކުރަމުންދާ މުޒާހަރާތަކާ އެކު، ސޯނިއާގެ ދަރިކަލުން ރާހުލް ގާންދީ އާއި ކޮންގްރެސް ޕާޓީއަށް އަލުން ސިޔާސީ ދިރުން ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.
އިޓަލީގެ ކުޑަ އަވަށަކަށް 1946 ވަނަ އަހަރު އުފަންވި ސޯނިއާ އާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ ބައްދަލުވެވަޑައިގަތީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގައި ކިޔަވާވިދާޅުވާން އުޅުއްވަނިކޮށެވެ. އެއަށްފަހު 1968 ވަނަ އަހަރު ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތުމާ އެކު، އިންޑިއާގެ އެންމެ ނުފޫޒުގަދަ ސިޔާސީ އާއިލާ ކަމަށްވާ ނެހްރޫ-ގާންދީ އާއިލާގެ މެންބަރަކަށް ސޯނިއާ ވެވަޑައިގަތެވެ.
މި ފޮތާ ގުޅޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސޯނިއާ ވިދާޅުވީ، އެއީ ރާޖީވްގެ އާއިލާއާ އެކު އުޅުއްވަން ފެއްޓެވި ގޮތާއި، އިންޑިއާ ދެކެ ލޯބި ވެވުނު ގޮތުގެ އިތުރުން އެ ގައުމުގެ ރައްޔިތެއްގެ ގޮތުގައި ކުރެވޭ އިހްސާސްތައް ހިމެނޭ ފޮތެއް ކަމަށެވެ.
ސޯނިއާގެ ހަޔާތުގައި ކުރިމަތިވެވަޑައިގަތް އެންމެ ހިތާމަވެރި ދެ ހާދިސާގެ ވާހަކަ ވެސް މި ފޮތުގައި ހިމަނުއްވާފައިވެ އެވެ. އެގޮތުން 1984 ވަނަ އަހަރު އޭނާގެ މައިދައިތާފުޅު އަދި އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ބޮޑީގާޑުން އިންދިރާއަށް ހަމަލާދީ އަވަހާރަކޮށްލި ވަގުތު، އޭނާގެ ހަށިކޮޅު އުނގުގައި ބާއްވައިގެން އިންނެވި ހަނދާންތައް ސޯނިއާ އާކުރައްވާފައިވެ އެވެ.
އޭގެ ފަހުން ފިރިކަލުން ރާޖީވް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ސޯނިއާ ވިދާޅުވި އެވެ. ރާޖީވް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، 1991 ވަނަ އަހަރު ޖާނުންފިދާވުމުގެ ހަމަލާއެއްގައި އޭނާ ވަނީ އަވަހާރަކޮށްލައިފަ އެވެ. އެ ހާދިސާއަށް ފަހު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު، ކޮންގްރެސް ޕާޓީ ބަލިކަށިވަމުން ދިއުމާ ގުޅިގެން 1998 ވަނަ އަހަރު އެ ޕާޓީގެ ލީޑަރުކަމާ ސޯނިއާ ހަވާލުވެވަޑައިގަތެވެ.
ސޯނިއާގެ ލީޑަޝިޕްގެ ދަށުން 2004 ވަނަ އަހަރުގެ އިންތިހާބު ކޮންގްރެސްއިން ކާމިޔާބު ކުރި ނަމަވެސް، ބޮޑުވަޒީރުކަން ގަބޫލު ނުކުރައްވައި އެ މަގާމަށް އައްޔަން ކުރެއްވީ އިގްތިސާދީ މާހިރު މަންމޯހަން ސިންގެވެ.
މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސޯނިއާ ވަނީ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 12 އަހަރުގެ ތެރޭގައި އިންޑިއާގެ ޑިމޮކްރަސީ އާއި މުއައްސަސާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
"މިހާރު ރައްޔިތުންނަށް އެ ގެއްލުންތައް އިހުސާސްވާން ފަށައިފި. އެކަމަކު އަޅުގަނޑަށް ޔަގީންކަން އެބައޮތް އިންޑިއާގެ ރައްޔިތުން އަލުން ރަނގަޅު ވެރިކަމަކަށް މަރުހަބާ ކިޔާނެކަން،" ސޯނިއާ ވިދާޅުވި އެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ރާހުލް ގާންދީ ވެސް ގެންދަވަނީ އިންތިހާބީ ކޮމިޝަނުން ވޯޓާސް ލިސްޓަށް ބަދަލު ގެނެސް ބީޖޭޕީއަށް ފައިދާ ހޯދައިދޭން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް އިންތިހާބީ ކޮމިޝަނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. -- އޭއެފްޕީ