ކުއާލަ ލަމްޕޫރު (ނޮވެމްބަރު 10) - ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރުމަށް އެ ގައުމުގެ ހައި ކޯޓުން މިއަދު އަލުން އަމުރުކޮށްފި އެވެ.

ނަޖީބު ގޭބަންދަށް ބަދަލުކުރުމަށް ކުރިން ނެރުނު އަމުރާ މެދު އެޓާނީ ޖެނެރަލް ގާނޫނީ ސުވާލުތަކެއް އުފައްދަވައި، އެކަން ހުއްޓުވާފައި އޮތުމަށް ފަހު ކުއާލަ ލަމްޕޫރު ހައި ކޯޓުގެ ފަނޑިޔާރު އަސްލަމް ޒައިނުއްދީން މި އަމުރު ނެރުއްވީ ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ.

"ޝަރުތުތަކާ އެކު ދީފައިވާ މާފުގެ އަމުރާ އެއްގޮތަށް، ކުޑަކޮށްދީފައިވާ ހަ އަހަރުގެ ޖަލު ހުކުމުގެ ބާކީ ބައި، ތުހުމަތު ކުރެވޭ ފަރާތުން ތަންފީޒު ކުރަންވާނީ ގޭބަންދުގައި ހުރެގެން،" ފަނޑިޔާރު ވިދާޅުވި އެވެ.

ނަޖީބުގެ ދިފާއީ ވަކީލު ޝަފީ އަބްދުﷲ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، މިއަދުގެ ވަގުތެއްގައި ނަޖީބު ގޭބަންދަށް ބަދަލުކުރެވޭނެ ކަމަށް ބެލެވެ އެވެ.

މެލޭޝިއާގެ ސޮވެރިން ވެލްތު ފަންޑު، ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޖަލަށް ލާފައިވާ އުމުރުން 73 އަހަރުގެ ނަޖީބަށް ޝަރުތުތަކާ އެކު މާފު ދީފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ 12 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމުން ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒު ކުރެވޭ ގޮތަށެވެ.

ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޖޫރިމަނާ ފައިސާ ދައްކައިފަ އެވެ. ނަމަވެސް ގާނޫނީ ސަބަބުތަކެއް ދައްކައި އެޓާނީ ޖެނެރަލް ވަނީ ނަޖީބު ގޭބަންދަށް ބަދަލުކުރުން ހުއްޓުވައިފަ އެވެ.

މި މައްސަލައިގައި މެލޭޝިއާގެ ރަސްގެފާނު މިދިޔަ ހޮނިހިރު ދުވަހު ވަނީ، ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްކުރުމަކީ ރަސްމީ އަމުރަކަށް އިންކާރުކުރުން ފަދަ ކަމެއް ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލަށް އިންޒާރު ދެއްވައިފަ އެވެ. އަދި ނަޖީބަށް ދެއްވި މާފުގައި އެއްވެސް އޮޅުމެއް ނެތް ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏަކުން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޖުލައި 2020 ގައި ނަޖީބުގެ މައްޗަށް އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ޕާޑަންސް ބޯޑުން ފަހުން ވަނީ އެ ހުކުމް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، ޖޫރިމަނާ ވެސް ލުއިކޮށްދީފަ އެވެ.

މީގެ އިތުރުން، 1އެމްޑީބީގެ ހިޔާނާތާ ގުޅުން ހުރި އެހެން ޝަރީއަތެއްގައި ނަޖީބުގެ މައްޗަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ. އެ ހުކުމް ނަޖީބުގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. -- އޭއެފްޕީ