އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ސީރިއާގެ ގޯލާންގެ އުސްބިންތަކުގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ދާއިމީ މިލްކުވެރިކަން އެ ތަންތަނުގެ ރައްޔިތުންނަށް ލިބިގެންވާ ކަން ކަށަވަރުކޮށްދޭ ގަރާރެއް އދ. ގެ އާންމު މަޖިލީހުގެ ކޮމިޓީއަކުން ބުދަ ދުވަހު ފާސްކޮށްފި އެވެ.
ގްރޫޕް އޮފް 77 އާއި ޗައިނާ އިން ހުށަހެޅި މި ގަރާރު، އދ. ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކަންކަމާ ބެހޭ ދެވަނަ ކޮމިޓީން ފާސްކުރީ 151 ގައުމުގެ ވޯޓުންނެވެ. މީގެ ތެރޭގައި ޔޫރަޕުގެ އިއްތިހާދު (އީޔޫ) ގެ ހުރިހާ މެންބަރު ގައުމުތަކާއި ކެނެޑާ ވެސް ހިމެނެ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ ހަތް ގައުމަކުންނެވެ. އެއީ އެމެރިކާ، އިޒްރޭލު، ކޮލަމްބިއާ، ޕެރަގުއޭ، ޕަލާއޫ، ނައުރޫ އަދި މައިކްރޮނޭޝިއާ އެވެ. ވޯޓުގައި 11 ގައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ހުށަހަޅައި ފާސްކުރާ ގަރާރެކެވެ. މިދިޔަ އަހަރު މި ގަރާރު ކޮމިޓީން ފާސްކުރީ 152 ވޯޓުންނެވެ. އެ ފަހަރު ދެކޮޅަށް އަށް ގައުމަކުން ވޯޓު ދިންއިރު، 12 ގައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. ކޮމިޓީން ފާސްކުރި މި ގަރާރު، އަންނަ ޑިސެމްބަރު މަހު އޮންނަ އދ. ގެ އާންމު މަޖިލީހުގެ 193 މެންބަރު ގައުމުގެ ޖަލްސާއަށް ރަސްމީކޮށް ފާސްކުރުމަށް ހުށަހަޅާނެ އެވެ.
އާންމު މަޖިލީހުގެ ގަރާރުތަކަކީ ގާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމު އެއްޗަކަށް ނުވާތީ، މި ވޯޓުގެ ސަބަބުން ބިމުގެ ހާލަތަށް ވަގުތުން ބޮޑު ބަދަލެއް ނާންނާނެ އެވެ. ނަމަވެސް، މި މައްސަލާގައި އިޒްރޭލާއި އެމެރިކާއާ އެއްކޮޅަށް ތިބީ ކިހާ މަދު ގައުމުތަކެއް ކަން މި ވޯޓުން ހާމަވެގެންދެ އެވެ. އަދި އިޒްރޭލުން ބިންތައް ހިފައި ޔަހޫދީން އާބާދުކުރާ މައްސަލާގައި ގާނޫނީ ގޮތުން ވަކާލާތުކުރާ ފަރާތްތަކަށް މިއީ ލިބޭ އިތުރު ބާރެކެވެ.
މި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް އޮތް ހައްގު ކަށަވަރުކޮށްދީ، އެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް އިޒްރޭލަށް ވަނީ ގޮވާލައިފަ އެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމަށް ބުނެފައިވާއިރު، އިޒްރޭލުން ބިންތައް ހިފައި ފާރު ރޭނުމާއި އެ ނޫން ވެސް އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ހާލަތުގައި އާންމުން ހިމާޔަތްކުރުމާ ބެހޭ ޖެނީވާގެ ހަތަރުވަނަ މުއާހަދާ އާއި އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ، އިރުމަތީ ގުދުސް ހިމެނޭހެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ހިނގާނެ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
މި ގަރާރުގައި ވަނީ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތަކުގެ ގާނޫނީ ނަތީޖާއާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޖުލައި 19، 2024 ގައި ނެރުނު އިސްތިޝާރީ ލަފާ އާއި، ހުޅަނގު އައްސޭރީގައި ރާނާފައިވާ ފާރާ ބެހޭ ގޮތުން އެ ކޯޓުން 2004 ވަނަ އަހަރު ނެރުނު ލަފައަށް ވެސް ރިއާޔަތްކޮށްފަ އެވެ. އަދި 1967 ގެ ފަހުން އިޒްރޭލުން ހިފާފައިވާ ބިންތަކާއި އިޒްރޭލުގެ ސަރަހައްދު ވަކިކޮށް ދެނެގަތުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު 2334 ވެސް ވަނީ އަލުން ކަށަވަރުކޮށްދީފަ އެވެ.
އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވި ގޮތުގައި، މި ގަރާރަށް ލިބުނު ބޮޑު ތާއީދުން އަނެއްކާ ވެސް ހާމަވެގެން ދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ ތާއީދެވެ. އަދި ގަރާރާ އެއްކޮޅަށް ވޯޓު ދިން ހުރިހާ ގައުމުތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.