ސްރީ ލަންކާގައި މީގެ ފަސް މަސް ކުރިން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު، ދެ މަހުގެ ތުއްތު ދަރިއަކާ އެކު ޖަންގަލީގެ ހޮހަޅައެއްގެ ތެރޭގައި ދިރިއުޅެމުން ދަނިކޮށް ފުލުހުން ހޯދައިފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާ ފެނިފައިވަނީ ނަކަލްސް ފަރުބަދަ ސަރަހައްދުގެ މީމުރޭ ކިޔާ އަވަށާ ކައިރީގައި އޮންނަ ބޯ ޖަންގައްޔެއްގެ ތެރެއިންނެވެ. މީގެ ފަސް މަސް ކުރިން އާއިލާއިން އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން، އުޑުދުމްބަރާ ފުލުހުން ދިޔައީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންނަށް އެ ކުއްޖާ ހޯދުނީ، އެ ސަރަހައްދުގެ ފިހާރައަކުން އާދަޔާ ހިލާފަށް ގިނައިން ހަނޑުލާއި ކާބޯތަކެތި ގަންނަމުން ދިޔަ ޒުވާނަކަށް ޝައްކު ކުރެވިގެން އޭނާ އަށް ފާރަލުމުގެ ތެރެއިންނެވެ. އެ ޒުވާނާގެ ފަހަތުން ފުލުހުން ދިޔައިރު، އޭނާ ވަދެފައިވަނީ މީހުން ދިރިއުޅޭ ހިސާބާ ވަރަށް ދުރުގައި، ސަތަރިން ނިވާކޮށްފައި ހުރި ހޮހަޅައަކަށެވެ.

ފުލުހުން އެ ހޮހަޅަ ބަލައި ފާސްކުރިއިރު، ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ ކުއްޖާ އާއި އޭނާގެ ދެ މަހުގެ އަންހެން ދަރިފުޅު އެ ތަނުގެ ތެރެއިން ވަނީ ފެނިފަ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ވިހާފައިވަނީ އެއްވެސް ސިއްހީ އެހީތެރިކަމެއް ނެތި އެ ހޮހަޅައިގެ ތެރޭގަ އެވެ. އަދި ދަރިފުޅުގެ ފޫޅު ކަނޑާފައިވަނީ ލަންކާގައި ރާވެރިކަމުގައި ބޭނުންކުރާ ތޫނު އާލާތަކުން ކަމަށް ފުލުހުން ބުނެ އެވެ. ވިހެއުމަށް ފަހު މައި މީހާ އާއި ދަރިފުޅަށް ފަރުވާ ދީފައިވަނީ ޖަންގަލީގެ ތެރެއިން ހޯދި ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ ފިރިހެން މީހާ އަކީ އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވެ އެވެ. އޭނާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، ތުއްތު ދަރިފުޅު ފެންވަރުވަން ބޭނުންކޮށްފައިވަނީ ވެސް ރުކު ރާ ކައްކަން ބޭނުންކުރާ ބޮޑު ތެއްޔެކެވެ.

މި ހާދިސާއާ ގުޅިގެން 23 އަހަރުގެ އެ ޒުވާނާ އާއި އޭނާ އަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ތިމާގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ތެލްދެނިޔާ މެޖިސްޓްރޭޓް ކޯޓަށް އެ ދެ މީހުން ހާޒިރު ކުރުމުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުންގެ ހިމާޔަތުގެ ދަށަށް އެ ކުއްޖާ އާއި ދަރިފުޅު ގެންދިއުމަށް ފަހު، ސިއްހީ ޓެސްޓުތައް ހެދުމަށާއި ފަރުވާ ދިނުމަށް ކެންޑީގެ ނެޝަނަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އުޑުދުމްބަރާ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.