ޑޭޓިން އެޕަކުން ދިމާވެ، ކައިވެނިކުރަން އިންޑިއާއަށް ދިޔަ އުމުރުން 61 އަހަރުގެ ކެނެޑާ އަންހެނެއްގެ އުމުރު އެނގުމުން 31 އަހަރުގެ ފިރިހެނަކު ކައިވެނި ކެންސަލްކޮށްފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ނިއު ދިއްލީއަށް ދިޔަ އެ އަންހެން މީހާ އެއާޕޯޓުން ބަލައި ދިޔައީ އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ޕާނިޕަތަށް ނިސްބަތްވާ ނިތިން ނަމަކަށް ކިޔާ ޕްރައިވެޓް ސްކޫލް ޓީޗަރެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޑޭޓިން އެޕަކުން ދިމާވެ، ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ގޮސް ދެ މީހުން ކައިވެނިކުރަން ނިންމައި، އަންހެން މީހާ އިންޑިއާއަށް ދިއުމުން ނިތިން އޭނާ ގެންދިޔައީ ރާޖަސްތާނުގެ ނީމްރާނާގައި ހުންނަ އޭނާގެ ތިމާގެ މީހެއްގެ އެޕާޓްމަންޓަކަށެވެ.
ނަމަވެސް، އެކުގައި ދެ ދުވަހު އުޅެ ކައިވެނީގެ ކަންކަމާ މަޝްވަރާކުރަމުން ދަނިކޮށް، އެ އަންހެން މީހާގެ އުމުރަކީ 61 އަހަރުކަން ނިތިންއަށް އެނގުމާ އެކު އޭނާ ވަނީ ކައިވެނި ކުރަން ދެކޮޅު ހަދައިފަ އެވެ. ދެ މީހުންގެ ދެމެދުގައި އުމުރުގެ ބޮޑު ފަރަގެއް ހުރުމުން ކައިވެނި ނުކުރެވޭނެ ކަމަށް ބުނުމުން ދެ މީހުންގެ ދެމެދުގައި ބޮޑު ޒުވާބެއް ހިނގި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން އެ އަންހެން މީހާ ވަނީ މި މަހުގެ 13 ވަނަ ދުވަހު، އިންޑިއާގައި ހުންނަ ކެނެޑާ އެމްބަސީއަށް ގުޅައި އެހީތެރިކަމަށް އެދިފަ އެވެ. އެމްބަސީން އެކަން ފުލުހުންނަށް އެންގުމާ އެކު، ނީމްރާނާ ފުލުހުން އެ ދެ މީހުން އުޅުނު އެޕާޓްމަންޓަށް ގޮސް ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން މިހާރު ވަނީ އެ އަންހެން މީހާ ކޮޓްޕުޓްލީގައި ހުންނަ ކެއާ ސެންޓަރަކާ ހަވާލުކޮށް، އޭނާ އަނބުރާ ކެނެޑާއަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ނިތިން ހައްޔަރުކޮށް، ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.