އިންޖީނުގައި ލޯވަޅެއް އެޅުނު ޗައިނާ އީސްޓަންގެ ބޯޓު ސަލާމަތުން ޖައްސައިފި

ސިޑްނީ (ޖޫން 12) - އިންޖީން ކޭސިންގައި ބާގަނޑެއް ހެދުނު ޗައިނާ އީސްޓަންގެ މަތިންދާ ބޯޓު ސަލާމަތުން ސިޑްނީ އެއާޕޯޓަށް ޖައްސައިފި އެވެ.


ފްލައިޓް އެމްޔޫ736 ދަތުރުކުރީ އޮސްޓްރޭލިއާގެ ސިޑްނީން ޗައިނާގެ ޝެންހާއީ އަށެވެ. ނަމަވެސް ދަތުރު ފެށިތާ ގަޑިއެއްހާ އިރު ފަހުން ޕައިލެޓް ވަނީ އިންޖީނުގައި މައްސަލައެއް އުޅޭ ކަމަށް ބުނެފަ އެވެ. ބައެއް ޕަސިންޖަރުން ބުނި ގޮތުގައި އެއްޗެއް އަނދާ ވަސް ބޯޓު ތެރޭން ދުވި އެވެ. އެއާބަސް އޭ330 ގެ ބޯޓު ޖެއްސިއިރު އެއްވެސް ޕަސިންޖަރަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ އިންޖީނު ކޭސިންގައި ވަނީ ބާގަނޑެއް ހެދިފަ އެވެ. ބައެއް ޕަސިންޖަރުން ބުނި ގޮތުގައި ބޯޓު ނައްޓާލުމާ އެކު ވާތް ފަރާތު އިންޖީނުން ވަނީ ބާރު އަޑެއް އިވިފަ އެވެ. އަދި ބޯޓުގެ ވާތް ފަރާތު އިންޖީނާ ދިމާލުގައި ތިބި ޕަސިންޖަރުން އެތަނުން ހުސްކުރި ކަމަށް ބައެއް ޕަސިންޖަރުން ބުންޏެވެ.

ޗައިނާ އީސްޓަންގެ ބޯޓު ވަނީ ސަލާމަތުން ސިޑްނީ އަށް ޖައްސާފައި. --ފޮޓޯ:ރޮއިޓާސް

ޗައިނާ އީސްޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގެ އިންޖީނުން އާދަޔާޚިލާފު ކަމެއް ފާހަގަވުމުން ބޯޓު ވަގުތުން ސިޑްނީގައި ޖައްސަން ކްރޫން ނިންމީ ކަމަށެވެ. އަދި އެ ބޯޓުން ދަތުރު ކުރި ޕަސިންޖަރުން އެހެން ފްލައިޓްތަކުގައި މިއަދު ފުރުވާލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭވިއޭޝަން ސޭފްޓީ އޮފިޝަލުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

އޭވިއޭޝަން ތަޖްރިބާކާރެއް ކަމަށްވާ ގްރެގް ވޯލްޑްރޮން ވިދާޅުވީ ޗައިނާ އީސްޓަންގެ ބޯޓަށް އެހެން ދިމާވި ސަބަބު މި ވަގުތު ހާމަކުރަން އުނދަގޫވާނެ ކަމަށާއި ތަހުގީގު ކުރާ ފަރާތްތަކުން ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ބޯޓުގެ އިންޖީނުގެ މެއިންޓެނަންސް ރެކޯޑާއި އިންޖީނުގައި އެއްޗަކުން ޖެހުނީތޯ ފަދަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ.