ބަޣާވާތުގެ ދުވަހު ތުރުކީ އަކީ ގައުމެއްކަން ދައްކާލި: އުރުދުޣާން

އިސްތަންބޫލް (ޖުލައި 16) - މިދިޔަ އަހަރުގެ ޖުލައި މަހު ތުރުކީ އަށް ބަޣާވަތް ގެންނަން އުޅުނު ރޭ ރައްޔިތުން ނުކުމެ ތުރުކީ އަކީ ގައުމެއްކަން ދުނިޔެ އަށް ދައްކާލާފައިވާ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


ބަޣާވަތަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި އުރުދުޣާން ވިދާޅުވީ "އެރޭ ރައްޔިތުންގެ އަތުގައި ހަތިޔާރެއް ނެތް ކަމަށާއި އެ މީހުންގެ އަތުގައި އޮތްހާ ވެސް އެއްޗަކީ ގައުމީ ދިދަ" ކަމަށެވެ. އޭގެ އިތުރުން ހިތުގައި އޮތް އިމާންތެރިކަން ބޮޑު ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ބަޣާވާތް ގެންނަން އުޅުނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އުރުދުޣާން ވަނީ ތާއިދުކުރައްވައިފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރާ އިރު ގުއަންޓަނާމޯ ބޭ ޖަލުގެ ގައިދީން ގޮތަށް ޔުނިފޯމުގައި ބޭތިއްބުމަށް ވަނީ ތާއީދު ކުރައްވައިފަ އެވެ. ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާގައި ދިިރިއުޅޭ ފަތުހުﷲ ގުލަން ކަމަށް ރައީސް އުރުދުޣާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ގައުމު ދިފާއު ކުރުމަށް ނުކުތް އެންމެންނަށް ޝުކުރު އަދާކުރަން،" އުރުދުޣާން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ރޭ ގެންންނަ އުޅުނު ބަޣާވަތުގައި 250 މީހުން މަރުވެ 2،196 މީހުން ޒަޚަމްވި އެވެ. ބަޣާވަތް ނާކާމިޔާބުވީ ސިފައިންގެ އިސްފަރާތްތަކާއި އާއްމުންގެ ތާއީދު ނުލިބުމުންނެވެ.

ބަޣާވާތަށް ފަހު ތުރުކީން ވަނީ 150،000 މުވައްޒަފުން ވަޒީފާ އިން ވަކިކޮށް 50،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ބަޣާވާތް ގެންނަން އުޅުނު ޖުލައި 15 ވަނަ ދުވަހަކީ ތުރުކީގައި ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ދުވަސް ފާހަގަ ކުރަނީ ޑިމޮކްރެސީ އާއި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.