ސީރިއާގެ ރެފިއުޖީ ކުއްޖާއާ ކެނެޑާގެ ބޮޑު ވަޒީރު ބައްދަލުކުރައްވައިފި

އޮޓާވާ (ޖޫން 16) - ކެނެޑާ އަށް ހިޖުރަ ކުރި ސީރިއާގެ ރެފިއުޖީ ދެމަފިރިއަކަށް ލިބުނު ދަރިފުޅަށް އެ މީހުން ވަނީ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ ނަންދީފަ އެވެ. ކުޑަ ދަރިފުޅަށް ބޮޑު ވަޒީރުގެ ނަމުން ނަންދިނީ ޓްރޫޑޯ އަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އެ މީހުން ބުނެފައި ވަނީ ބޮޑު ވަޒީރާ ބައްދަލު ކުރަންވެސް ބޭނުންވާ ކަމަށެވެ. އެންމެ ފަހުން ބޮޑު ވަޒީރު ޓްރޫޑޯ ވަނީ ދެ މަސްވީ ބޭބީ ޓްރޫޑޯއާ ބައްދަލުކުރައްވައިފަ އެވެ.


ބޮޑު ވަޒީރު ޓްރޫޑޯ އިއްޔެ ވަނީ ކެލްގަރީ ސްޓޭމްޕީޑް ނާސްތާގެ ތެރޭގައި ބޭބީ ޓްރޫޑޯގެ އާއިލާއާ ބައްދަލު ކުރެއްވުމަށް ފަހު އެ ކުއްޖާ ކުޑަ ވަގުތުކޮޅަކަށް އުރާލައްވައިފަ އެވެ.

ސީރިއާގެ ރެފިއުޖީ ދެމަފިރިން ކަމަށްވާ މުހައްމަދު އާއި އަފްރާ ބިލާން އެ މީހުންގެ ކުޑަ ދެ ކުދިންނާ އެކު ކެނެޑާ އަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހު އެވެ. ކެނެޑާގެ ކެލްގަރީގައި އެ މީހުންނަށް އިތުރު ދަރިއަކު ލިބުނީ މެއި މަހު އެވެ.

ކެނެޑާ އަށް އެތެރެވާ ރެފިއުޖީންނަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަރަށް ހިތްޕުޅުހެވެ. އެއާޕޯޓަށް ވަޑައިގެން ބައެއް ރެފިއުޖީނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. މުހައްމަދުގެ އާއިލާ މޮންޓްރިއަލް އަށް ދިޔަ އިރު ބޮޑު ވަޒީރަށް އެއާޕޯޓަކަށް ވަޑައެއް ނުގެންނެވުނެވެ. އެކަމަކު މުހައްމަދު ނިންމައިގެން ހުރީ ބޮޑު ވަޒީރަށް ޝުކުރު އަދާކުރުމުގެ ގޮތުން ދަރިފުޅަށް ބޮޑު ވަޒީރުގެ ނަން ދިނުމަށެވެ.

ޓްރޫޑޯ އަށް ނޮވެމްބަރު 2015 ގައި ބޮޑު ވަޒީރުކަން ލިބިވަޑައިގެންނެވި ފަހުން މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ސީރިއާގެ 40،000 އަށް ވުރެ ގިނަ ރެފިއުޖީން ކެނެޑާގައި ވަޒަންވެރި ކުރުވާފައިވެ އެވެ. ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު ފަހުކޮޅު މަނާކުރުމާ ގުޅިގެން ޓްރޫޑޯ ވަނީ އެމެރިކާ އިން ފޮނުވާލާ ރެފިއުޖީންނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ.