އިސްލާމްއާބާދު (އޮގަސްޓް 6) - ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި މަޝްހޫރު ގްރޭންޑް ޓްރަންކް ރޯޑުން އިސްލާމްއާބާދުން ލާހޯރަށް ވަޑައިގަންނަވަން މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ބޮޑު ވަަޒީރު ނަވާޒް ޝަރީފް ނިންމަވައިފި އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތު ސުޕްރީމް ކޯޓުން ބެލުމަށް ފަހު މިދިޔަ މަހު 28 ވަނަ ދުވަހު ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ފަހުން އުފަން ޕްރޮވިންސް ޕަންޖާބުގެ ވެރިރަށް ލާހޯރަށް ވަޑައިގެންފައެއް ނުވެ އެވެ. ނަވާޒް ޝަރީފަކީ ޕަންޖާބު ސްޓޭޓުގައި ވަރަށް މަގްބޫލް ބޭފުޅެކެވެ.

މަގާމުން ދުރުކުރުމާ އެކު ނަވާޒް ޝަރީފް ބޭނުންފުޅުވީ ޓްރަންކް ރޯޑުން ލާހޯރަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމަނިކުފާނުގެ މުޝީރުން ވަނީ އެ ދަތުރު ފަސްކުރައްވަން ލަފާދެއްވައިފަ އެވެ. އަދި ދަތުރު ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ވެސް މެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ނަވާޒް ޝަރީފް ވަނީ މުއްރީ ރިސޯޓަށް ވަޑައިގެންފަ އެވެ. ހަފުތާއެއްހާ ދުވަހު އެ ރިސޯޓުގައި ހޭދަކުރެއްވުމަށް ފަހު ވަނީ އެނބުރި އިސްލާމްއާބާދަށް ވަޑައިގެންފަ އެވެ.

ނަވާޒް ޝަރީފް ލާހޯރަށް ވަޑައިގަންނަވާ އިރު އެކި ސަރަހައްދުތަކަށް އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުމެ ތަރުހީބު ދޭނެ އެވެ. އަދި ނަވާޒް ޝަރީފުގެ ތަރުޖަމާން ވިދާޅުވީ ބައެއް ހިސާބުތަކުގައި މަޑު ކުރެއްވުމަށް ފަހު ސަޕޯޓަރުންނާ މުޚާތަބް ކުުރައްވާނެ ކަމަށެވެ.