ޓެކްސަސްގެ ފެންބޮޑުވުމުގައި 30،000 މީހުން ވަގުތީ ހިޔާގައި

ޓެކްސަސް (އޮގަސްޓް 29) - އެމެރިކާގެ ޓެކްސަސް އަށް އެރި ތޫފާން ހާވޭގައި އެ ސްޓޭޓުގެ ބައެއް ސިޓީތަކުގައި އާދަޔާޚިލާފަށް ބޮޑަށް ފެންބޮޑުވެ 30،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރަން ޖެހިއްޖެ އެވެ.


ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ ޑިރެކްޓަރު ބްރޮކް ލޯންގް ވިދާޅުވީ ފެންބޮޑުވުމުގައި ޓެކްސަސްގެ 50 ކައުންޓީ އަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ނޭޝަނަލް ގާޑުގެ އިތުރު 1،000 ސިފައިން ފޮނުވާފައިވާ ކަމަށެވެ. މިހާރު ވެސް އެ ސްޓޭޓުގައި 3،000 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހިއުސްޓަން އަށް އަދިވެސް ވިއްސާރަ ކުރާނެތީ ގިނަ ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުވާނެ ކަމަށް ބެލެވޭ. --ފޮޓޯ:ގެޓީ އިމޭޖަސް

ފްރާންސާއި ބެލްޖިއަމް އަދި ސްވިޒަލެންޑް އެއްކޮށްލީމާ ވާވަރުގެ ބޮޑު ސްޓޭޓަށް މި ކުރިމަތިވި ގުދުރަތީ ހާދިސާގައި ހިއުސްޓަން ސިޓީން އެކަނިވެސް ހަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ހިއުސްޓަން ވެސް ހިމެނޭ ހަރިސް ކައުންޓީގެ މެޑިކަލް އެގްޒަމިނާގެ އޮފީހުގެ ތަރުޖަމާން ޓްރިޝިއާ ބެންޓްލީ ވެސް ވަނީ ތޫފާނުގައި ހަ މީހުން މަރުވިކަން ޔަގީން ކޮށްދެއްވައިފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ފެންބޮޑުވެފައިވާ ހިސާބުތަކުގެ ވެހިކަލްތަކުގައި ތާށިވެގެންނެވެ.

ފެންބޮޑުވުމުގައި އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަން އިން ހާލުގައި ޖެހުނު ބަޔަކު ފުލުހުންގެ ޑިންގީއެއްގައި ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ވޭތުވެދިޔަ ތިން ދުވަހު ކުރި ވިއްސާރައިގައި ޓެކްސަސްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ހިއުސްޓަންގެ ބައެއް ހިސާބުތަކަށް ވަނީ 1،000 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

ތޫފާނުގެ ސަބަބުން 450،000 މީހުން އެހީއަށް އެދޭނެ ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ޓެކްސަސް އަށް މިއަދު ވަޑައިގަންނަވާނެ އެވެ. ނަމަވެސް އެމެރިކާގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހިއުސްޓަނަށް މިހާރު ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވަމުންދާތީ އެ ސިޓީ އަަށް ވަޑައިގަންނަވާނެ ކަމަށް ނުބެލެވެ އެވެ.

އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަންގެ ފެންބޮޑުވެފައިވާ މަގަކުން އާއިލާއެއްގެ ބަޔަކު ދަނީ. --ފޮޓޯ:އޭއެފްޕީ

ތޫފާން ހާވޭ އަކީ ވޭތުވެދިޔަ 13 އަހަރު ދުވަހު ތެރޭ އެމެރިކާ އަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އަދި 1961 ވަނަ އަހަރުގެ ފަހުން ޓެކްސަސް އަށް އެރި އެންމެ ވަރުގަދަ ތޫފާން ވެސް މެ އެވެ.