ރިޔާޒް (ސެޕްޓެމްބަރު 30) - ސައުދީ އަރަބިއާގައި ކާރު ދުއްވާ އަންހެނުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.
ސައުދީ ރަސްގެފާނުގެ ޚާއްސަ ގަރާރަކުން މިހާރު ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ގައުމުގެ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފަ އެވެ. މި ނިންމެވުމަށް ގިނަ ބަޔަކު ތައުރީފް ކުރި ނަމަވެސް ބައެއް މީހުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ސައުދީގެ ދާޚިލީ ވުޒާރާ އިން ބުނީ ކާރު ދުއްވާ އަންހެނުންނަށް ބިރު ދައްކާނެ ކަމަށް ބުނި މީހާ ހައްޔަރުކުރީ އީސްޓަން ޕްރޮވިންސުން ކަމަށެވެ. އަދި ޕަބްލިކް ޕްރޮސެކިއުޓަރަށް އެ މީހާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ހުވާކޮށްފައި މި ބުނަނީ ކާރު ދުއްވާ އަންހެނުން އެ މީހުންގެ ކާރާ އެކު އަންދާލާނަން،" ކުރު ވީޑިއޯއެއްގައި އެ މީހާ ބުނެފައިވެ އެވެ. އެ ވީޑިއޯ ވަނީ އޭނާ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
ސައުދީގެ މީޑީއާތަކުން ބުނެފައި ވަނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 20ގެ އަހަރުތަކުގެ މީހެއް ކަމަށެވެ. އަދި އެ މީހާ ހައްޔަރު ކުރަން އަންގާފައި ވަނީ އީސްޓަން ޕްރޮވިންސްގެ ގަވަރުނަރު ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.