ބަންގާޅު ކެފޭގައި ޖާނުންފިދާވުމުގެ ހަމަލާ ދިނީ ޔުނިވާސިޓީ ގްރެޖުއޭޓުން

ޑާކާ (ޖުލައި 6) - ބަންގްލަދޭޝްގެ ކެފޭގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ ދިން ފަސް މީހުންނަކީ ވެސް އެ ގައުމުގެ މަޝްހޫރު އަމިއްލަ ޔުނިވާސިޓީއަކުން ގްރެޖުއޭޓްވެފައިވާ ޒުވާން ކުދިންކަން ހާމަވެއްޖެ އެވެ. މީގެ ތެރޭގައި 18 އަހަރުގެ ދަރިވަރަކާއި ވެރިކަންކުރާ ޕާޓީގެ އިސް މީހެއްގެ ދަރިއަކު ވެސް ހިމެނެ އެވެ.


ތަޖުރިބާކާރުން ބުނަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖިހާދީ ގްރޫޕްތަކުން މިހާރު ދަނީ ޒުވާން އަދި މުއްސަނދި ކުދިން ރެކްރޫޓް ކުރުމަށް އިސްކަން ދެމުންނެވެ.

"ބަންގްލަދޭޝްގެ ކެފޭގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމާލާ ދީފައި ވަނީ ކިޔަވައިގެން ތިބި ޒުވާން ކުދިން. އަދި އެއީ ރަނގަޅު އާއިލާތަކަށް ނިސްބަތްވާ ކުދިން،" ބަންގްލަދޭޝްގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ވިދާޅުވި އެވެ.

މީހުން ރަހީނު ކުރި ކެފޭ އިން ޒަޚަމްވި މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ޒުވާން މުއްސަނދި ކުދިން ޖިހާދީ ގްރޫޕުތަކުގެ ޚިޔާލަށް ލެނބެނީ ކީއްވެތޯ ސުވާލު ކުރުމުން ޚާން ވިދާޅުވީ "މިހާރު އެކަން ފެޝަނަކަށްވެފައިވާ" ކަމަށެވެ.

ބަންގްލަދޭޝްގެ ކެފޭގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގައި އައިއެސްގެ މޫ ހަރުލާފައި ނުވާ ކަމަށެވެ. ނަމަވެސް އައިއެސްގެ އަމާގު ނިއުސް އެޖެންސީން ވަނީ ހަމަލާ ދިން ފަސް މީހުންގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.

އެމެރިކާގެ ޔުނިވާސިޓީއެއްގައި ސިކިއުރިޓީ ސްޓަޑީޒް ކިޔަވައިދޭ ޓީޗަރަކު ބުނީ ސެޕްޓެމްބަރު 11 ގައި ބޯޓުތައް ހައިޖެކްކުރި ގިނަ މީހުންނަކީ ވެސް ސައުދީ މުއްސަނދި އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

މީހުން ރަހީނުކުރި ކެފޭގެ ބޭރުގައި ބަންގްލަދޭޝްގެ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބަންގްލަދޭޝްގެ ކެފޭގައި ހަމަލާ ދިން މީހުންގެ ތެރޭން 22 އަހަރުގެ މީހަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީގެ މެލޭޝިއާ ކެމްޕަހުގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށްވެ އެވެ. ކެމްޕަހުގައި އޭނާގެ އެކުވެރި ދަރިވަރަކު ބުނީ އެއީ ކިޔެވުމަށް މޮޅު އަދި ކުޅަދާނަ އެތުލީޓެއް ކަމަށެވެ. އޭނާ ފަހުން އުޅުނީ ނޯތު ސައުތު ޔުނިވާސިޓީގައި ކަމަށްވެ އެވެ. ހަމަލާގައި ބައިވެރިވި 18 އަހަރުގެ ކުއްޖެއްގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ބޮލަށް ބަޔަކު ވަދެ އޭނާ ހަރުކަށި ވިސްނުމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހަމަލާގައި ބައިވެރިވި އެހެން ކުއްޖެއް ކަމަަށްވާ ރޮހާން އިމްތިއާޒް ވެސް މޮނާޝް ޔުނިވާސިޓީން ކިޔަވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭނާގެ ބައްޕަ އަކީ އަވާމީ ލީގުގެ ޑާކާ ވިންގުގެ ކުރީގެ ޔޫތު އެފެއާޒް ސެކްރެޓަރީ އެވެ. ފަސް މީހުންގެ ތެރޭން އެކަކު ވަނީ މަދަރުސާއަކުން ތައުލީމް ހާސިލްކޮށްފަ އެވެ.