ޓެކްސަސްގެ ބަޑީގެ ހަމަލާ: އެއީ ނަފްސާނީ މައްސަލައެއް

ޓޯކިޔޯ (ނޮވެމްބަރު 6) - ޓެކްސަސްގެ ފައްޅިއެއްގެ ތެރޭގައި ބަޑިޖަހާ 26 މީހުން މަރާލީ ބަޑި ގެންގުޅުމުގެ އުސޫލުގެ މައްސަލައަކުން ނޫން ކަމަށާއި އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން މެދުވެރި ކަމެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޓެކްސަސްގެ ހަމަލާއާ ގުޅިގެން ސިޔާސަތަށް ގެންނަވާނެ ބަދަލަކީ ކޮބައިތޯ ސުވާލު ކުރުމުން ޖަޕާނުގެ ޓޯކިޔޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ފުރަތަމަ ލިބެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި ބަޑިޖެހި މީހާއަކީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.

"އެހެން ގައުމުތަކެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ގައުމުގައި ވެސް ނަފްސާނީ މައްސަލަތައް ދިމާވެފައިވާ މީހުން ވަރަށް ގިނަ. އެއީ ބަޑި ގެންގުޅުމާ ގުޅޭ ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ. "މިއީ އެންމެ މަތީ ދަރަޖައިގައި ނަފްސާނީ މައްސަލައެއް. ވަރަށް ވަރަށް ދެރަ."

ފައްޅީގައި ބަޑިޖެހުމުން މަރުވި މީހުންގެ ތެރޭގައި 5-72 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. ހަމަލާދީފައި ވަނީ ދޮން ނަސްލުގެ 26 އަހަރުގެ މީހެއް ކަމަށްވާ ޑެވިން ޕެޓްރިކް ކެލީ އެވެ. އޭނާ ކުރިން ވަނީ އެމެރިކާގެ އެއާ ފޯސްގައި މަސައްކަތް ކޮށްފަ އެވެ. ފައްޅީގައި އޭނާ ހަމަލާ ދިން ބަޑި ގަނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ޓެކްސަސްގެ ފިހާރައަކުންނެވެ.

ބަޑިޖެހި މީހާ ވަނީ ވެހިކަލްތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ. އޭނާ މަރާލީ ކަމެއް ނުވަތަ އަމިއްލަ އަށް މަރުވީ ކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެ އެވެ.