ނިއު ދިއްލީ (ޑިސެމްބަރު 4) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އަލަށް އުފަންވި ކުއްޖަކު މަރު ނުވަނީސް މަރުވެފައިވާ ކަމަށް ނިންމި ދެ ޑޮކްޓަރުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަމިއްލަ ފަރާތަކުން ދިއްލީގައި ހިންގާ މެކްސް ހޮސްޕިޓަލު އުފަންވި އެއްމާބަނޑު ދެ ކުދިންގެ ތެރޭން އެއް ކުއްޖަކު މަރުވެފައިވާ ކަމަށް ޑޮކްޓަރު ނިންމުމުން އެ ކުއްޖާ ވަޅުލަން ގެންދަނިކޮށް މަރުނުވާކަން އެނގުމާ އެކު ހޮސްޕިޓަލަށާއި ޑޮކްޓަރުންނަށް ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށައިފަ އެވެ.

މެކްސް ހޮސްޕިޓަލުން ބުނީ ދެ ޑޮކްޓަރުން ވަކިކުރީ ތަޖްރިބާކާރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"އެ މައްސަލާގައި ހޮސްޕިޓަލުން ދަނީ އިންޑިއަން މެޑިކަލް އެސޯސިއޭޝަނުގެ އިރުޝާދު ވެސް ހޯދަމުން،" ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގު އިންޑިއާ ސަރުކާރުން ވެސް ވަނީ ފަށައިފަ އެވެ.

ދެ ކުދިން ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އެ ކުދިންގެ ބެލެނިވެރިން ބުނީ ވަޅުލަން ގެންދަނިކޮށް، ދެ ކުދިންލާފައި އޮތް ޕްލާސްޓިކް ކޮތަޅުގެ ތެރޭން އެއްޗެއް ހިރޭތީ ބެލިއިރު އެއް ކުއްޖަކު މަރުނުވާކަން އެނގުނު ކަމަށެވެ. އަދި ކައިރީގައިވާ އެހެން ހޮސްޕިޓަލަކަށް އަވަހަށް ގެންދިޔަ ކަމަށެވެ. އެ ހޮސްޕިޓަލުން ބެލުމަށް ފަހު ބުނެފައި ވަނީ އެއް ކުއްޖަކު މަރު ނުވާ ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ މި ހާދިސާ ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ.