އެމްއެޗް370 ފެނިއްޖެ ނަމަ އެމެރިކާ ކުންފުންޏަށް ދޭނީ 70 މިލިއަން ޑޮލަރު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 10) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 ފެނިއްޖެ ނަމަ އެމެރިކާ ކުންފުންޏަށް ދޭނެ އެންމެ ބޮޑު އަގަކީ 70 މިލިއަން ޑޮލަރު ކަމަށް އެއްބަސްވެއްޖެ އެވެ.


އެމްއެޗް370 ހޯދަން ކަނޑުއަޑި ބަލާ ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީއާ އެކު މެލޭޝިއާ އިން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެމެރިކާ ކުންފުނިން މަސައްކަތް ކުރިއަށް ގެންދާނީ ތިން މަސް ދުވަހަށެވެ. އަދި މި މަހު މެދެއްހާ ހިސާބުގައި ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ އެވެ. ބޯޓު ހޯދަން އޯޝަން އިންފިނިޓީން ބޭނުންކުރާ ހައި ޓެކް އުޅަނދު، ސީބެޑް ކޮންޓްރެކްޓާ މިހާރު ވަނީ އިންޑިއާ ކަނޑުގެ ދެކުނަށް މިސްރާބު ޖަހައިފަ އެވެ. އެ ބޯޓުގައި އަށް ޑްރޯން އާއި ސޯނާ އަދި ކެމެރިކާ ވަނީ ހަރުކޮށްފަ އެވެ. އެ ބޯޓުގައިވާ އާލާތްތައް ބޭނުންކޮށްގެން ކަނޑުގެ 6،000 މީޓަރު (20،000 ފޫޓް) އަޑި ބެލޭނެ އެވެ.

އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވީ އެމްއެޗް370 ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފައި ކަމަށެވެ. މި ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ. އެމްއެޗް370 ހޯދައިދޭން ތިން ކުންފުންޏަކުން ހުށަހެޅި އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (20،000 ފޫޓު) އަޑިން ހޯދެ އެވެ.