ޒައިނަބުގެ ގާތިލް ކުށަށް އިންކާރު ކޮށްފި

ލާހޯރު (ފެބްރުއަރީ 13) - ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލް ކަމަށް ފުލުހުން ބުނި 24 އަހަރުގެ އިމްރާން އަލީ އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭނާ ކުށަށް އިންކާރު ކޮށްފި އެވެ.


އިމްރާންގެ ވަކީލް މެހުރު ޝަކީލް މުލްތާނީ އޭއެފްޕީ އަށް ވިދާޅުވީ އިމްރާނާ ދެކޮޅަށް ފުލުހުން އުފުލާފައި ވަނީ އެއްވެސް އަސްލެއް ނެތް ދައުވާތަކެއް ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އިމްރާނުގެ ޝަރީއަތް ބާއްވާފައި ވަނީ ލާހޯރުގެ ކޮޓް ލަޚްޕަޓް ޖަލުގަ އެވެ. މި މައްސަލައިގެ ހެކިވެރިން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޒައިނަބުގެ މަރާ ގުޅިގެން ގާތިލަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ޕާކިސްތާނުގައި މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުންތައް ހިންގައިފަ އެވެ. ފުލުހުން ބުނެފައި ވަނީ ޒައިނަބު މަރާލާފައި އޮތް ތަނުން ފެނުނު ހެއްކާއި އިމްރާނުގެ ޑީއެންއޭ ދިމާވާ ކަމަށެވެ.

ޒައިނަބު ގެއްލިފައި ވަނީ ޖެނުއަރީ 4 ވަނަ ދުވަހު ގުރުއާން ކިޔަވަން އަވަށްޓެރި ގެއަކަށް ދިޔަ ފަހުންނެވެ. އޭގެ ފަސް ދުވަސް ފަހުން އެ ކުއްޖާ ފެނިފައި ވަނީ މަރާލުމަށް ފަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވަ އެވެ.