ސީރިއާގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 25) - ސީރިއާގައި ދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ގަރާރެއް ފާސްކޮށްފި އެވެ.


ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ގޫތާ އަށް ބޮން އަޅާތާ ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ. ސީރިއާ ސަރުކާރު ސިފައިން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދޭ ބޮމުގެ ހަމަލާތަކުގައި އިރުމަތީ ގޫތާ އިން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސަލާމަތީ މަޖިލީހުގެ ވޯޓަށް ފަހު ވެސް އެކްޓިވިސްޓުން ބުނެފައި ވަނީ އިރުމަތީ ގޫތާ އަށް ބޮން އަޅަމުންދާ ކަމަށެވެ. ސަލާމަތީ މަޖިލީހުގައި ވޯޓު ނެގީ އެތައް ފަހަރަކު ލަސްކުރުމަށް ފަހު އެވެ. ސީރިއާގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާ އިން މަސައްކަތްކޮށްފައި ވަނީ ގަރާރަށް ބަދަލުތައް ގެންނާށެވެ. ހުޅަނގުގެ ޑިޕްލޮމެޓުން ބުނެފައި ވަނީ ރަޝިޔާ އިން މަސައްކަތް ކުރީ ގަރާރު ފަސްކޮށްގެން ވަގުތުގެ ފައިދާ ނަގަން ކަމަށެވެ.

ގަރާރު ފާސްކުރުން ލަސްވެފައި ވަނީ ހަމަލާތައް ހުއްޓާލާފައި އޮތް ނަމަވެސް އިރުމަތީ ގޫތާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ އަދި ނުސްރާ ފްރަންޓް ފަދަ ޖަމާއަތްތަކަށް ދޭ ހަމަލާތައް އިސްތިސްނާވާ ގޮތަށް އޮތުމުންނެވެ. އަލްގައިދާގެ ކުރީގެ ބައިވެރިއެއް ކަމަށްވާ ނުސްރާ ފްރަންޓުގެ ނަން ފަހުން ވަނީ ހަޔާތު ތަހްރީރު އަލް ޝާމް އަށް ބަދަލުކޮށްފަ އެވެ.

އެމެރިކާ ސަފީރު ވިދާޅުވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގަރާރުގައި ގޮވާލި ނަމަވެސް ސީރިއާ ސަރުކާރުން އެގޮތަށް އަމަލު ކުރާނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިރުމަތީ ގޫތާގައި ހަނގުރާމަ ކުރާ އެންމެ ބޮޑު ދެ ޖަމާއަތަކީ ޖައިޝުލް އިސްލާމް އާއި އެ ޖަމާއަތާ ވާދަވެރި ފައިލަގު އަލް ރަހުމާން އެވެ. އިރުމަތީ ގޫތާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރަމުންނެވެ.